ޚަބަރު

ތިނަދޫއަށް ލިބުނު ގެއްލުންތައް ނާއިބް ރައީސް ބައްލަވާލައްވައިފި


ގދ. ތިނަދޫއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތް ކުރައްވައި ލިބުނު ގެއްލުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ބައްލަވައިލައްވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ތިނަދޫގެ 26 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިއަދުވަނީ ތިނަދޫއިން ގެއްލުން ލިބުނުގެ ގޭގެއަށް ވަޑައިގެން ގެއްލުންތައް ބައްލަވައިލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތިނަދޫއަށް ލިބުނު ގެއްލުންތަކަށް ބަލާއިރު ޖުމްލަ 26 ގޭބިސީއަކަށްވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ވެފައެވެ. އޭގެއިތުރުން ތިން ގުދަނާއި އެއް ކޮފީ ޝޮޕަކަށް އަދި ތިނަދޫ ހުޅަނގުފަރާތުގައި ހުންނަ އޮޑިހަރުގެ އަކަށް ގެއްލުންވެފައިވެއެވެ. އޭގެތެރެއިންވެސް 10 ތަނަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ލިބޭ ގެއްލުންތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުންދާކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.