ޚަބަރު

އައިޔޫއެމްގައި ޖޫންމަހު އަލަށް ފަށާ ކޯސްތައް އިޢުލާނުކޮށްފި


މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ އައިޔޫއެމްގައި ޖޫންމަހު އަލަށް ފަށާ ކޯސްތަށް އިޢުލާނުކޮށް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަން އިޢުލާނުކޮށް ދެއްވީ އެޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނިވަރސިޓިގެ ވައިސް ޗެއަރ، އެކަޑަމިކް އެފެއަރސް ޙައްވާ ލަތީފެވެ. އިސްލާމިކް ޔުނިވަރސިޓީގައި ޖޫންމަހު، ޖުމްލަ 8 ކޯސް އަލަށް ފަށަން ހަމަޖެހިފައިވާއިރު މާސްޓަރސް ފެންވަރުގެ 4 ކޯހާއި ބެޗްލަރސް ފެންވަރުގެ 1 ކޯހާއި ޑިޕްލޮމާ ފެނަވަރުގެ ކޯހެއްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ 2 ކޯސް ހިމެނެއެވެ. މީގެ އިތުރުން މިކޯސްތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ މުއްދަތު ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށްވަނީ އިތުރުކޮށްފައެވެ.

މި ކޯސްތަށް ފަރުމާކުރެއްވުމުގައި ރާއްޖެއާއި ބޭރުގެ ފަންނީ އެކި ބޭފުޅުންގެ ލަފަޔާ ޢިރުޝާދު ހޯއްދަވަފައިވާއިރު މި ކޯސްތަކަކީ ދިވެހި މުޖުތަމަޢާ ގުޅޭގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަން އިސްލާމިކް ޔުނިވަރސިޓީން ފާހަގަކުރެއްވިއެވެ.

އިސްލާމިކް ޔުނިވާރސިޓީން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލެވިފައިވާއިރު މިއިން ކޮންމެ ކޯހަކަށް 15 އާއި 25 އާއި ދެމެދުގެ ޖާގަވަނީ ހަމަޖެހިފައެވެ. މިކޯސްތަކާއެކު ޖޫންމަހު، އިސްލާމިކް ޔުނިވަރސިޓީގައި ޖުމްލަ 48 ކޯސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.