ކުޅިވަރު

އެމްޓީސީސީގެ އެހީގައި ރާޅާ އެޅުންތެރިން ތަނބުރުދޫއަށް


ރާޅާ އެޅުންތެރިން ތަނބުރުދޫއަށް ދިއުމަށް ފެރީގެ އިންތިޒާމް އެމްޓީސީސީއާ މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން ހަމަޖައްސައިފިއެވެ.

 ރާޅާއެޅުންތެރިން ކުރިން ބޭނުން ކުރަމުންދިޔަ ރާޅުގަނޑު ސަރައްހައްދު ބަންދުކޮށްފައިވަނީ މާލޭ އާއި ހުޅުލެއާއި ދެމެދު ބްރިޖް އެޅުމަށްޓަކައެވެ. ޓޫރިޒަމް މިނިސްޓްރީއިން މިއަދު ވީ އެއްބަސްވުމާއެކު އެމްޓީސީސީއިން އަގަކާއި ނުލައި ކޮންމެ ދުވަހަކުވެސް ތަނބުރުދޫއަށް ފެރީއެއް ބާއްވާދޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. މިއެމްއޯޔޫގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހިމް ޒިޔަތު އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަބްދުލްﷲ އަރީފްއެވެ.

 މިއެމްއޯޔޫގެ ދަށުން ބަންދުނޫން ކޮންމެ ދުވަހަކު މެންދުރު 13:30 ގައި މާލެއިން ފުރައިގެން ފެރީ ތަނބުރުދޫއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި އަދި އިރުއޮއްސި 18:00 ގައި ތަނބުރުދޫއިން މާލެއަށް ފެރީ ފުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން މަޢުލުމާތުދިނެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު ހަތަކުން މާލެއިން ފުރައިގެން ގޮސް، ތަނބުރުދޫއިން އިރުއޮއްސި 6 ޖަހާއިރު މާލޭއަށް ފެރީ ފުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން މަޢުލުމާތުދިނެވެ

އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބްރިޖް އެޅުމަށްޓަކައި ރާޅުގަނޑު ސަރަހައްދު ބަންދު ކުރަންޖެހުނީ ބްރިޖްގެ މަސައްކަތް ކުރަމުންދާ ދުވަސްވަރު ރާޅާއެޅުމަކީ ރައްކާތެރިކަމެއް ނޫންކަމުގައިވާތީކަމަށެވެ. ކުންފުނިތަކުގެ އެހީގައި، ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން މިފަދަކަންތަށްތަށް ޒުވާނުންނަށް ހަމަޖައްސައި ދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތީން ކުރެވިކަމެއްކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

 "އަންނަ އަހަރު ބްރިޖްގެ މަސައްކަތް ނިމެންދެން ރާޅާއެޅުންތެރިންނަށް ރާޅާއެޅޭނެ ގޮތް ހަމަޖައްސައި ސަރުކާރުން ހަމަޖައްސައިދޭނަން" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ،

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމުގެ ދަށުން މިފުރިހަމަކޮށްދެނީ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއްކަމަށާއި އެމްއޯޔޫގައި 6 މަސް ދުވަސް އިންނަމަވެސް އެމްއޯޔޫ އަލުން އާކުރެވޭނެކަމަށެވެ.

އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ މިއަދު ފުރިހަމަވެގެން ދިޔައީ ރާޅާއަޅާ އެތައް ބައެއްގެ އުއްމީދެއް ކަމަށާއި މިކަން ފުރިހަމަކޮށްދިނީތީ ސަރުކާރަށާއި އެމްޓީސީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ.