ސިއްހަތު

ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށްޓަވައިފި


ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފަށްޓަވައިފިއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ބޭއްވެވި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމެވެ. img:http://s3.psmnews.mv/images/660x400/14959872146982.jpg|ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް - ފޮޓޯ: ޕީއެސްއެމް

މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ވިލިމާލޭގައި ފެށި ޑައިލިސިސް ޚިދުމަތަކީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަންފީޒުކުރައްވާ، ސިޔާސަތުގެ ދަށުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކިޑްނީ ބަލީގެ ފަރުވާ ހޯދަންޖެހޭ މީހުންގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް މާލެ ނައިސް ޚިދުމަތް ލިބިގަނެވޭނެގޮތް ފަހިކޮށްދެއްވުމަށްޓަކައި ވިލިމާލޭ ހޮސްޕިޓަލުގައި ފެށި މި ޚިދުމަތުގެ ސަބަބުން އެފަރާތްތަކަށް ލުއިފަސޭހަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވިލިމާލޭގައި މި ޚިދުމަތް މި ފެށްޓެވީ ދެ މެޝިނާއެކުގައެވެ. ކުރިއަށް އޮތްތާނގައި މެޝިންތަކުގެ ޢަދަދު އިތުރުކުރުމަށް މަސައްކަތް ކުރަވަމުން ގެންދަވާނެ ކަމަށް ވިލިމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ޒާހިރު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14959871334721.jpg|ވިލިމާލެ ހޮސްޕިޓަލުގައި ޑަޔަލައިސިސް ޚިދުމަތް ދެއްވަން ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި އައި.ޖީ.އެމް.އެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ ޑރ.ޢަލީ ލަޠީފް ވިދާޅުވީ ވިލިމާލޭގައި މި ޚިދުމަތް ފެށްޓެވިނަމަވެސް ބައެއް ޙާލަތުތަކުގައި ބަލިމީހާ އައި.ޖީ.އެމް.އެޗަށް ގެނެވޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އައި.ޖީ.އެމް.އެޗްގެ ބެއްލެވުމުގެ ދަށުން ވިލިމާލޭގައި ފެށްޓެވި މި ޚިދުމަތް ދެއްވުމުގައި އެ ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ހިމެނޭއިރު ހަފްތާއަކު ދެ ދުވަހު އައި.ޖީ.އެމް.އެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ވިލިމާލޭގައި މަސައްކަތް ކުރައްވާނެއެވެ.

ވިލިމާލޭގައި މި ޚިދުމަތް ދެވެން ފެށުމާއެކު މިހާރު ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ 7 ސެންޓަރު ހުންނާނެއެވެ.