ޚަބަރު

މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ހުޅުވައިފި


ޚިދުމަތުގެ ފެންވަރު މަތިކުރުމަށްފަހު މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް މިއަދު ހުޅުވައިފިއެވެ. 

ވަގުފު ބިލްޑިންގައި ޤާއިމްކޮށްފައިވާ މޯލްޑިވިއަންގެ އައު ޓިކެޓު އޮފީސް ހުޅުއްވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. 

މޯލްޑިވިއަންގެ ޓިކެޓު އޮފީސް ކުރިން ހިންގަމުން އައިސްފައިވަނީ އައިފާން ބިލްޑިންގގައެވެ. އައު ޓިކެޓް އޮފީސް ހުޅުވީ މިހާރު އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް ހިންގަމުން އަންނަ ޢިމާރާތާ ޖެހިގެންހުރި ވަގުފު ބިލްޑިންގގައެވެ.

img:http://s3.psmnews.mv/images/660x400/14958784582520.jpg|މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަންގެ އައު ޓިކެޓު އޮފީސް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ އައިލެންޑު އޭވިއޭޝަނުން ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ބޮޑު ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި އައިލެންޑު އޭވިއޭޝަންގެ ޗެއަރމަންއަކަށް އެންމެ ފުރަތަމަ ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށާއި، މިހާރު މޯލްޑިވިއަންއަށް އަންނަމުންދާ ކުރިއެރުންތަކުގެ މޭސްތިރިއަކީ އެމަނިކުފާންކަމީ ތާރީހުން އެގެން އޮތް ކަމެއް ކަމަށް ޚަލީލު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14958786582099.jpg|މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަންގެ އައު ޓިކެޓު އޮފީހާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އައިލެންޑު އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް މި ޓިކެޓު އޮފީހުން އެ މޯލްޑިވިއަންގެ ދަތުރުތައް ކުރާ ހުރިހާ ދިމާލަކަށް ޓިކެޓު ބުކިން ހެދުމާއި ޓިކެޓު ނެގުމުގެ ޙިދުމަތުގެ އިތުރުން ކޯލް ސެންޓަރ ޓިކެޓު އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި މިހާރު ހަތްދިހަ ފަސްއަހަރުން މަތީގެ ބޭފުޅުންނަށާއި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ ކިއު އެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ކިއުގައި ޖެހުމުގެ ޙިދުމަތާއި، ޓިކެޓު އޮފީހުން ދޭ ޙިދުމަތާއި ގުޅޭގޮތުން ކަސްޓަމަރުންގެ ޙިޔާލު ހޯދުމަތް ޙާއްސަ އިންތިޒާމްތަކެއް ޤާއިމްކޮށްފައިވާ ކަމަށް ހާރިސް ވިދާޅުވިއެވެ.

އައިލެންޑު އޭވިއޭޝަންގެ ޓިކެޓު އޮފީހަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އޮފީހެކެވެ. އަދި ޓިކެޓު އޮފީހުގައި ހުންނަ ކޯލް ސެންޓަރއަށް މަހެއްގެ މައްޗަށް ތިރީސްހާހަށް ވުރެ ގިނަ ކޯލް އަންނަ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.