ކުޅިވަރު

ފަހު ވަގުތު މޮޅުވެ، ވިކްޓްރީ ގަދަ ހަތަރެއްގެ ސަފަށް


ފަހު ވަގުތު ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، ވިކްޓްރީ ގަދަހަ ހަތަރެއްގެ ފުރުޞަތު ބޮޑުކޮށްފިއެވެ. 

ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް، އެސްޓީއޯ މާލޭ ލީގު ދެވަނަ ބުރުގެ މެޗު މިއަދު ވިކްޓްރީ ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. މެޗުގައި ވިކްޓްރީން ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދާފާ ވަނިކޮށް، ޔުނައިޓެޑް ވިކްޓްރީން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ ވިކްޓްރީ ސިއްސުވާލާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގެ ތެރޭގައި ވިކްޓްރީން ތިން ޕޮއިންޓް ކަށަވަރުކުރިއެވެ. ވިކްޓްރީގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކެރިކްއާއި، ހަސަން އަދުހަމްއެވެ. ދެވަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީގެ ދެ ލަނޑު ޖެހީ އަބުދުލް ވާހިދު އިބްރާހީމްއާއި، އިބްރާހީމް ޝަފްރާޒެވެ. މި ދެ ލަނޑު ޖެހީ ފަސް މިނިޓްގެ ތެރޭގައެވެ. މެޗުގައި ވިކްޓްރީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީ، ގަދަ ހަތަރެއްގެ ފުރުޞަތު ބޮޑު ކޮށްދިނީވެސް ފުރަތަމަ ލަނޑުވެސް ޖެހި ކެރިކްއެވެ. ކެރިކްގެ ލަނޑަކީ އޮފް ސައިޑް ލަނޑެއްކަމަށް ބުނެ ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން ޝަކުވާ ކުރި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ނޫންކަމަށެވެ.

މެޗަށްފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ހާފްގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ، ނަތީޖާ ޔުނައިޓެޑް ވިކްޓްރީ ކޮޅަށް އެބުރުނީސްކަމަށެވެ. އަދި ދެވަނަ ހާފްގައި ނަތީޖާ އެއް ވަރު ކުރުމާ ހަމައަށް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ނަތިޖާ އެއްވަރު ވީ ހިސާބުން ކުޅުންތެރިން މާބޮޑަށް ރިލެކްސް ކޮށްލީ ކަމަށާއި، ކުރިން ލީ ހިތްވަރު ލީތަން ފެނިގެން ނުދިޔަކަމަށްވެސް ނަޒީހު ބުންޏެވެ. އަދި ބޭރުގައި އިނދެގެން ކޯޗު ކިތަންމެ ވަރަކަށް ކިޔައި ދިނަސް ކުޅުންތެރިން މަސައްކަތް ނުކުރާނަމަ، ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ނަޒީހު ބުންޏެވެ.

ވިކްޓްރީ ސްޕޯރޓްސް ކުލަބްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ވަރަށް މުހިންމު 3 ޕޮއިންޓް ކަމަށާއި، ގަދަ ހަތަރަކަށް އެރުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. އަދި ބޮޑު ބްރޭކަކަށް ދާއިރު، މިހާރު ޓީމް އޮތް ހިސާބާއި މެދު ހިތްހަމަޖެހޭކަމަށްވެސް ސުޒޭން ބުންޏެވެ. ބްރޭކަށްފަހު އީގަލްސްއާއި ދެކޮޅަށް ނިކުންނައިރު، ދެވަނަ ބުރުގެ މެޗަކުން ބަލިނުވެ އޮތުމަކީ ޓީމްގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީން މިހާރު ވަނީ 14 ޕޮއިންޓް ހަމަކޮށް، ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ ސަފުން ޖާގަ ހޯދާފައެވެ. ދެވަނާގައި އޮތް ނިއުރޭޑިއަންޓްގެ ފަހަތުގައި 14 ޕޮއިންޓާއެކު ތިން ޓީމް އެބައޮތެވެ. އެއީ ވިކްޓްރީގެ އިތުރުން ގްރީން ސްޓްރީޓާއި، ޓީސީއެވެ. އީގަލްސް އޮތީ 13 ޕޮއިންޓާއެކުގައެވެ.