ޚަބަރު

ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ގޮވާލައްވައިފި


ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރައްވައި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވައި، މި މުނާސަބަތުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ދެންނެވިއެވެ.

ރަމަޟާން މަހަކީ މާތް ﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެއް ކަމަށާ ރަޙުމަތާއި ނިޢުމަތުގެ މައްސަރެއް ކަމަށާ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުޞަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަމަޟާން މަހަކީ ތައުބާވުމާއި ހެޔޮކަންތައް ކުރުމުގެ ރޫޙާނީ މޫސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން އެތައް ގުނަޔަކަށް ބޮޑުވެގެންދާ ކަމަށާއި އެހެންކަމުން، ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެވަޑައިގެން، ކީރިތި ޤުރުއާނަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.