ޚަބަރު

ރަމަޟާންމަހަށް ރޫޙާނީ ގޮތުންވެސް ތައްޔާރުވާން ޖެހޭ


ރަމަޟާންމަހަށް މަރުޙަބާ ކިއުމަށް މާއްދީ ގޮތުން ތައްޔާރުވާ ފަދައިން ރޫޙާނީގޮތުންވެސް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވަފައިފިއެވެ.

ރަމަޟާން މަހަކީ ހެޔޮކަމާއި، ބަރަކާތްތެރިކަމުގެ މައްސަރެވެ. ރަމަޟާންމަހަކީ އެ މައްސަރެއްގައި އެންމެ ގިނަމީހުން ނަރަކައިން މިންޖުކުރައްވާ މައްސަރުކަމަށް ވާރިދުވެފައިވެއެވެ. މި މައްސަރަކީ މުޅި އިސްލާމީ އުންމަތް އަޅުކަންތައްތަކަށް ޚާއްޞަވެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މައްސަރެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރުމާއި ސާފްތާހިރުކުރުމަކީ ދުނިޔޭގެ އެކި ކަންކަޅުތަކުގައި ދިރިއުޅޭ މުސްލިމުން ޒަމާނުންސުރެ ކުރަމުން އަންނަ ކަމެކެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ކުރިން އައި އެންމެ ފަހު ހުކުރުދުވަހުގެ ހުކުރު ޚުތުބާ ބިނާކުރައްވާފައިވަނީ، ރަމަޟާންމަހުގެ ދަރުމައާއި ސަވާބު ހޯދުމާއި، އެ މައްސަރުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމުގެ މައްޗަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވެވި ހުކުރު ޚުތުބާގައި ވަނީ މުސްލިމުން ރަމަޟާން މަހަށް މާއްދީގޮތުން ތައްޔާރުވާފަދައިން ރޫޙާނީގޮތުންވެސް ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި މައްސަރުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން، ނަފްސުތައްވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އެހެންކަމުން މިމައްސަރުގެ ފުރިހަމަ ދަރުމަ ލިބިގަތުމަށްޓަކައި ރޯދައިގެ ހަނދު ފެންނަ ހިނދު އެކަމަށް ތައްޔާރުވެ، ތިމާގެ ހިތްނިޔަތް އިޞްލާޙް ކުރަންޖެހެއެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭގޮތަށް ކަންތައްތައް ހަމަޖައްސަންޖެހެއެވެ.

ހެޔޮ ޢަމަލުތައް މާތް ﷲ ގެ ޚަޟުރަތުގައި ޤަބޫލުކުރެއްވިގެންވާނީ، ތިމާގެ ހިތްނިޔަތް ޚާލިޞްކޮށް މާތްﷲ އިޚްލާސްތެރިވެގެން ކަމަށް ވިދާޅުވެ، ތައުބާވުމަށް އަވަސްވެގަތުމަށް އިލްތިމާސްކުރެއްވިއެވެ. ކިތަންމެ ގިނަ ނުބައި ޢަމަލުތައް ކުރެވިފައިވީނަމަވެސް، އިޚްލާޞްތެރިކަމާއެކު ތައުބާވުމުން ފާފަފުއްސަވާނެކަމުގެ ހެޔޮ ޚަބަރު ރަސޫލާ ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އެންމެ ބޮޑު ބަދުނަޞީބުވެރިޔަކީ، އަދި އަބާއްޖަވެރިޔަކީ އެމީހަކާ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ބައްދަލުވެ، އެމީހެއްގެ ކުށްފާފަތައް ނުފުއްސެވުނު މީހާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ލައިލަތުލް ޤަދްރިވިލޭރޭގެ ސަވާބާއި ދަތުމަ ލިބިގަތުމަށް މަސައްކަތް ކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ.