ޚަބަރު

ހޮނިހިރުދުވަހަކީ ރަމަޟާންމަހުގެ އެއްވަނަ ދުވަސް


މާދަމާއަކީ މިއަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސްކަމަށާއި އަދި 27 މޭ ހޮނިހިރުދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން މިގޮތަށް ކަނޑައެޅުއްވީ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން މިރޭ ބޭއްވެވި ބައްދަލުވުމަށްފަހު، ހަނދާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައެވެ.

މިބަޔާނުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް އަދި، އިސްލާމީ އެއްވެސް ޤައުމަކަށްވެސް މިއަދުގެ އިރުއޮއްސޭއިރު ރަމަޟާންމަހުގެ ހަނދު ފެންމަތިނުވާނޭކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހަނދު ސާބިތުކުރުމަށް އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުން މާދަމާއަކީ މިއަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސްކަމަށާއި އަދި 27 މޭ ހޮނިހިރުދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަސްކަމަށް ކަނޑައަޅުއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސަޢުދީ އަރަބިއްޔާއިންވެސް ވަނީ މާދަމާއަކީ މިއަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސްކަމަށާއި އަދި 27 މޭ ހޮނިހިރުދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަސްކަމަށް ކަނޑައަޅާފައެވެ.