ޚަބަރު

ގެއްލިގެން ހޯދި ބިދޭސީ މީހާ ފެނިއްޖެ


ކަޓަމަރާނެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދި ބިދޭސީ މީހާ ފެނިއްޖެއެވެ.

އެމީހާ ފެނުނުއިރު އޭނާގެ ޙާލު ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ. މި މީހާ ފެނިފައިވަނީ އަތުރުގާ ރިސޯޓުގެ ފަރާތުން އޭނާ ހޯދުމަށް ނިކުމެ އުޅެނިކޮށް، ދިއްގިރި ރިސޯޓާއި އެއްމޭލު ބޭރުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އަތުރުގާ ރިސޯޓްގެ ވޯޓަރސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. ސްރީލަންކާއަށް ނިސްބަތްވާ މި މިހާ 15 ވަރަކަށް ފޫޓުގެ ކަޓަމަރާނެއްގައި ކަނޑުމައްޗަށް ނިކުމެފައިވަނީ މިއަދު މެންދުރު 12:13 ހާއިރުއެވެ.

މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މި މައުލޫމާތު ލިބުމާއެކު އދ. މަހިބަދޫގައި އޮތް ސީއެމްބިއުލަންސް އެސަރަޙައްދަށް ފޮނުވައިގެން އެމްއެންޑީއެފުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް އުޅަނދު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ފޮނުއްވާފައިވެއެވެ.