ސިޔާސީ

ޕީޕީއެމްއިން ދައްކަމުން އަންނަނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް


ހުރިހާ ހާލަތެއްގައިވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން ދައްކަމުން އަންނަނީ ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ޒުވާނުންގެ ޖަގަހައިގައި ރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވި ނަމަވެސް ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ގޮނޑިތައް ނުލިބުނު ދާއިރާތަކަށްވެސް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ދެއްވާނެ ކަމަށެވެ.

ފާއިތުވެގެންދިޔަ އަހަރުތަކާއި ދުވަސްތަކުގައި ސަރުކާރުން އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރެއްވީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ކަމަށް ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އެ ދުވަސްތަކުގައި ރައީސް ޔާމީންގެ މަސައްކަތާއި އެމަނިކުފާނުގެ އަމާޒު ހުރީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށް ނޫން ކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނީ ނާކަމިޔާބެއް ނޫން ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެއީ ޕާޓީގެ ކަންކަން އިތުރަށް ފުރިހަމަކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.