ޚަބަރު

ޙައްޖާޖީންގެ ޞިއްޙީ ކަންކަން ބެލެހެއްޓުން އައިޖީއެމްއެޗްއަށް


ޙައްޖު ކޯޕަރޭޝަނުން ޙައްޖާއި ޢުމްރާއަށްދާ މީހުންގެ ޞިއްހީ ކަންތައް ބެލެހެއްޓުން އައި.ޖީ.އެމް.އެޗްއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އައި.ޖީ.އެމް.އެޗްގައި ބޭއްވި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދްރީސްއެވެ. އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއިކުރެއްވީ މެޑިކަލް ސަރވިސްގެ ޑިރެކްޓަރ ޑރ. އަލީ ނަޒީމްއެވެ.

ހައްޖު ކޯޕަރޭޝަނުން ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާއަށް ދާ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ޑޮކަޓަރުންނާއި ނަރުހުން ގެންދަނީ އާއްމުކޮށް އިއުލާންކޮށްގެން އެކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދާ ފަރާތްތަކެވެ. އައިޖީއެމްއެޗްއާ އެކު ހައްޖު ކޯޕަރޭޝަނުން އެކުލަވާލި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމެއް، ހައްޖު ކޯޕަރޭޝަނުން ކުރާ ކޮންމެ ޙައްޖު އަދި ޢުމްރާ ދަތުރެއްގައި ބައިވެރިވާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މިއީ ހައްޖާއި އުމްރާއަށް ދާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވުން ގެންދަވާ މަސައްކަތުގެ ތެރެއިން އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޖީ.އެމް.އެޗްގެ މެޑިކަލް ސަރވިސްގެ ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވީ ހައްޖާއި އުމްރާއަށް ދާ މީޙުންގެ ސިއްހީ ކަންކަން އެގިގެން ދަތުރުމަތީ އެމީހުންނަށް ފަރުވާކުރުމުގެ ފުރުސަތު ޑޮކްޓާރުންނާއި ނަރުހުންނަށް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށެވެ. ތިން އަހަރުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ހައްޖާއި އުމްރާ ދަތުރުތަކުގައި އައިޖީއެމްއެޗްގެ ފަރާތުން ބައިވެރިކުރަން ޖެހޭނީ ދިވެހި ޑޮކްޓަރުންނާއި ދިވެހި ނަރުހުންނެވެ.