ޚަބަރު

ކުނި އުކާލުމާބެހޭ ޤަވާއިދަށް ބިދޭސީން ހޭލުންތެރިކުރުވަނީ


އެއްގަމު އުޅަނދުގައި ކުނި އުކާލުމާބެހޭ ޤަވާއިދަށް ބިދޭސިން ހޭލުންތެރި ކުރުމުގެ ޚާއްސަ ހަރަކާތެއް ވެމްކޯއިން ފަށައިފިއެވެ. 

މި ޤަވާއިދަށް ޢަމަލުކުރާނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެނެވެ. މާލޭގެ ގޭބީސީތަކުން ކުނި އުކާލުމުގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ބިދޭސީންނެވެ. ބައިސްކަލުގައާއި ގާޑިޔާ ތަކުގައި ކުނިއުކާލުމުގެ މަސައްކަތް ބިދޭސީން ކުރަމުންއަންނައިރު، ރައްކާތެރިކަމާއެކު ކުނި ބަންދުކޮށްގެން ކުނިކޮށްޓަށް ގެންދާތަން ފެންނަނީ ވަރަށް މަދުންނެވެ. މިކަމަށް ހައްލެއް ހޯދުމުގެގޮތުން، އެއްގަމު އުޅަނދުތަކުގައި ކުނިއުކާލުމުގެ ޤަވާއިދު ގެޒެޓްކޮށް އެ ޤަވާއިދަށް އަމަލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް، ކަމާގުޅުންހުރި މުއައްސަސާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުނިއުކައިދޭ ބިދޭސީން މި ޤަވާއިދަށް އަހުލުވެރި ކުރުވުމަށް އިންޑަސްޓްރިއަލް ޒޯންގައި މިއަދުވަނީ ޚާއްސަ ހަރަކާތެއް ހިންގާފައެވެ.

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައިސްކަލު ފަދަ އެއްގަމު އުޅަނދުތަކުގައި ކުނި އުފުލުން މިގަވައިދުގެ ދަށުން މަނާވާނެއެވެ. އެހެންނަމަވެސް އަމިއްލައަށް ކުނި އުކަން ބޭނުންނަމަ އެކަމަށް ވެމްކޯގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކޮންމެ ގޭބީސީއެއްގައި އުޅޭ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

ވެމްކޯގެ ކަލެކްޝަން ސާވިސް މެނޭޖަރު ހިދާޔާ ނަސީރު ވިދާޅުވީ، ގަވައިދަށް ބިދޭސީން ހޭލުންތެރި ކުރުމަށް ފެށި ހަރަކާތުގެ ދަށުން ކުނި އުކަންދާ ބިދޭސީން ހުއްޓުވައި އެމީހުންނަށް ހޭލުންތެރި ކުރުމަށް އެމީހުންނަށް މައުލޫމާތުދީ، އެމީހުން ކުނި އުކާލާ ގޭގޭއަށް ހަވާލުކުރުމަށް ޚާއްސަ ލިޔުމެއް އެމީހުންނާ ހަވާލުކުރެވޭނެކަމަށެވެ.

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ހިފަހައްޓައި ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. ވެމްކޯއިން އަންނަނީ މާލެ ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ގޭބީސީ ތަކުން ކުނި އުކާދިނުމުގެ ޚިދުމަތް ދެމުންނެވެ.