ޚަބަރު

2.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


ދެ ދުވަހު ތެރޭގައި ހިންގި އޮޕަރޭޝަން ތަކެއްގައި 2.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 6 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯރސްމެންޓް ސުޕްރިންޓެންޑެންޓް މޫސާ އަލީ ވިދާޅުވީ ފުރަތަމަ އޮޕަރޭޝަންގައި މި މަހުގެ ނަވާރަވަނަ ދުވަހު ވިހި އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑުތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ނަވާވީސް ބްލެޓް ފެނިފައިވާކަމަށެވެ. ދެވަނަ އޮޕަރޭޝަނުގައި ޕޯސްޓް މެދުވެރިކޮށް މަނާކޮށްފައިވާ ބޭހެއްގެ ތިންސަތޭކަ ފަންސާސް ފަސް ގުޅައާއި ހެރޮއިން ކަމަށް ޝައްކުކުރެވޭ ދެޕެކެޓު އަތުލައިގަނެފައިވާކަމަށެވެ. މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14955498345313.jpg|މޯލްޑިވްސް ޕޮލިސް ސަރވިސުން މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ތިންވަނަ އޮޕަރޭޝަނަކީ ޕާކިސްތާންގެ ދެ ރައްޔިތަކު ދެ ދިވެއްސަކާއި ގުޅިގެން މަސްތުވާތަކެތީގެ މުޢާމާލާތެއްކުރަން މާލޭގެ ކެފޭއެއްގެ ތެރޭގައި ތިބިކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާއާއި ޑޮލަރު ފެނިފައިވާއިރު މިމީހުން މާލޭގައި ދިރިއުޅޭތަން ބަލާފާސްކުރުމުން ހެރޮއިންކަމަށް ޝައްކުކުރެވޭ ރަބަރު ދެ ޕެކެޓާއި ސާދަހާސް އެމެރިކާ ޑޮލަރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރީ ޕާކިސްތާންގެ ދެ އަންހެނަކާ، ދިވެހި ދެ ފިރިހެނުންނެވެ.