ތަރައްްޤީ

"ސަމިޓުގައި ރައީސް ވާހަކަފުޅު ނުދެއްކެވީ، ވަގުތުގެ ދަތިކަމުން"


ނިމިގެންދިޔަ ޢަރަބި އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ނުދެއްކެވީ، ވަގުތުގެ ދަތިކަމުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވުމުންކަމަށާއި، މި ސަމިޓްގައި ވާހަކަ ނުދައްކަވާ ދުނިޔޭގެ ގިނަ ލީޑަރުން ތިއްބެވިކަމަށް ރާއްޖެއިން ސައުދީ އަރަބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ހަމީދު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ސަފީރު ޢަބްދުﷲ ހަމީދު ވިދާޅުވީ، ޖަލްސާ ފެށުނުއިރު ކޮންމެ ޤައުމެއްގެ ވެރިޔަކަށްވެސް ވާހަކަ ދެއްކުމަށް ފުރުޞަތު ދެއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރައީސް ޔާމީނަށްވެސް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވުމަށް ހަމަޖެހިފައި އޮތްކަމަށް ސަފީރު ވިދާޅުވިއެވެ. ރިޔާސަތު ބެލެހެއްޓެވި ސަލްމާން ރަސްގެފާން ޖަލްސާ ނިންމަވަލައްވަމުން، ގިނަ ލީޑަރުން ތިއްބެވިކަމަށް ވިދާޅުވިކަމަށާއި، ޖަލްސާ ނިންމާލެއްވުމަށް އެމަނިކުފާނުގެ އިޚްތިޔާރު އޮންނާނެކަމަށެވެ. ޖަލްސާގައި ވާހަކަ ދެއްކެވި މަދު ލީޑަރުންނަކީ ސައުދިއަރަބިޔާ ހިމެނޭ ސަރަޙައްދުގެ ބައެއް ލީޑަރުންކަމަށް ސަފީރު ވިދާޅުވިއެވެ.

މި ސަމިޓްގެ ތެރެއިން ރަސްގެފާނާއި، ކްރައުންސް ޕްރިންސާއި ވަލީއަޙުދާއި ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިވަޑައިގަނެވިކަމަށާއި، ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސްއާ ވެސް ރައީސް ވާހަކަދައްކަވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. ވަރަށް ގިނަ ކަންކަމާ ވާހަކަ ދައްކަވާ މަޝްވަރާކުރުމުގެ ފުރުޞަތު ލިބިވަޑައިގަތްކަމަށާއި، މިއީ ވަރަށް ކާމިޔާބު ސަމިޓެއްކަމަށް ސަފީރު ޢަބްދުﷲ ހަމީދު ވިދާޅުވިއެވެ.