ޚަބަރު

ރާއްޖޭގެ ޖީޑީޕީ އުޅެނީ 3000 ޑޮލަރަށްވުރެ މަތީގައި- ރައީސް


ރާއްޖޭގެ އުފެއްދުންތެރިކަން ބޮލަކަށްޖެހޭ ނިސްބަތް 3000 ޑޮލަރަށްވުރެ އިތުރުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުދިއަރަބިޔާގެ ރިޔާޒްގައި ހުންނަ ދިވެހި އެމްބަސީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އުފެދުންތެރިކަން އިތުރުވެގެން ދިޔުމުން އެއިން ދައްކާދެނީ ދައުލަތުގެ އިޤްތިޞާދުގެ ހަކަތަ ހުރި މިންވަރުކަމަށެވެ. އަދި މިއީ ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ ތިން އަހަރަކީ އިޤްތިޞާދީ ގޮތުން ކާމިޔާބު 3 އަހަރުގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ވެރިކަމުގެ 5 އަހަރުދުވަހުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދުގައި ހިންގަމުންދާ އިންވެސްޓްމަންޓްތައް ނިމުމުން ބޮލަކަށް ޖެހޭ ގައުމީ އުފެއްދުންތެރިކަން ބާރަ ހާސް ޑޮލަރަށް އިތުރު ކުރެއްވުމަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުފުޅެކެވެ.