ޚަބަރު

ސްޕެޝަލިސްޓް ތަމްރީނު ހޯދުމުގެ ފުރުސަތު 7 ޑޮކްޓަރަށް ދެއްވައިފި


ނޭޕާލްގެ "ތްރިބުވަން" ޔުނިވާސިޓީ އިން ސްޕެޝަލިސްޓް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ 7 ޑޮކްޓަރަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބެއްވި ރަސްމިޔާތެއްގައި މި ޑޮކްޓަރުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މުހައްމަދު ޙަބީބް ވިދާޅުވީ ނޭޕާލުން ރާއްޖެއަށް ދެއްވި ފުރުސަތުތަކުގައި ވޭތުވެދިޔަ ދެއަހަރު ދުވަހުގެތެރޭގައި ރާއްޖޭގެ 36 ޑޮކްޓަރުންދަނީ އެޤައުމުގައި ތަމްރީންވަމުން ކަމަށެވެ. މީ ޑޮކްޓަރުންނާ ހަވާލުވާ ވަރަށް ބޮޑު ޒިންމާއެއްކަމަށާ ތަމްރީން ލިބުމަށްފަހު ޤައުމަށް ޚިދުމަތް ކުރުމަށް މަސައްކަތްކުރެއްވުމަށް ޑރ.ޙަބީބު އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ ޑޮކްޓަރުންނަށް މިފަދަ ފުރުސަތު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ޑރ. ޙަބީބު ފާހަގަކުރެއްވިއެވެ.

މިއަދު ލިއުން ޙަވާލުކުރި ހަތް ޑޮކްޓަރުންނަކީ، ރާއްޖޭގެ ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ނޭޕާލްގެ "ތްރިބުވަން" ޔުނިވާސިޓީން ލިބިފައިވާ ތަމްރީނުގެ ފުރުސަތަށް ކުރިމަތިލާން ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ޑޮކްޓަރުންގެ ތެރެއިން ހޮވުނު ޑޮކްޓަރުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.