ޚަބަރު

ޤައުމުތަކުގެ ދާޚިލީ ކަންކަމާއި ނުބެހުމަށް އިލްތިމާސްކުރައްވައިފި


ބޭރު ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ކަންކަމާއި ދިވެހިން ނުބެހުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ސަޢުދި އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް މެންބަރެއްގޮތަށް ހަރަކާތްތެރިވެ އެ މަޤާމް ހޯދުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައެވެ.

ސަޢުދި އަރަބިޔާގައި ދިވެހި އެމްބަސީއެއް ހުޅުވާފައިވަނީ 2008 ވަނަ އަހަރު. ސަޢުދި އަރަބިޔާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެމްބަސީއަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސަކު މި އެމްބަސީއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. އެމްބަސީއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ރިޔާޒްގައި ހުންނަ އެމްބަސީގެ މުވައްޒަފުންނާއި، ބައެއް ދިވެހިންނާއި ބައްދަލުކޮށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުފައި ވިދާޅުވީ، ސަރުކާރުގެ ރަސްމީ ވިސްނުންތަކުގެ ބޭރުން، އަމިއްލަ ޚިޔާލެއް އޮވެގެން ބޭރުގެ އެއްވެސް ޑިޕްލޮމެޓަކާ ވާހަކަ ދެއްކުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާކަމެއް ނޫންކަމަށެވެ. ސަފީރުންގެ ދައުރަކީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރުންކަމަށާއި، ސަފީރުން ރާއްޖޭގެ ދާޚިލީ އަދި އަދުލް އިންސާފުގެ ކަންކަން ދިފާޢު ކޮށްދެއްވަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެނޫންގޮތަކަށް މަސައްކަތްކުރެވޭނަމަ ސަރުކާރަށް ދަތިވާނެކަމަށާއި، އަބަދުވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމް ނުކުރެވޭނެކަމަށާއި، އެފަދަ ވަސީލަތެއް ރާއްޖޭގައި އަދި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފްރިކާގެ އެއްވެސް ޤައުމެއްގައި ރާއްޖޭގެ އެމްބަސީއެއް ނުހުންނާނެކަމަށެވެ. އެފްރިކާއަކީ ބޮޑު ބައްރެއްކަމަށާއި، ސަފީރުން ނެތް ތަންތަނުގައި ޑިޕްލޮމެޓުންނާއި ގުޅުން ބަދަހިކުރުން މުހިންމުކަމަށެވެ. 

އެފްރިކާއަކީ ރާއްޖޭގެ ސަފީރުން ވަރަށް ހަރަކާތްތެރިވާންޖެހޭ ބައްރެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރިޔާޒްގައި ހުންނަ އެމްބަސީން އެފަދަ ދައުރެއް އަދާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. 2019 ވަނަ އަހަރު ރާއްޖެއިން އދ.ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާރމަނަންޓް މެންބަރެއްގޮތަށް ހަރަކާތްތެރިވުމަށް އެ މަޤާމް ހޯދުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އދ،ގެ ކޮންމެ ޤައުމަކަށް ވޯޓު ދެވޭނެކަމަށާއި، އެހެންކަމުން އެވޯޓު ހޯދުމަށް އެކި ޤައުމުތަކުގެ ސަފީރުންނާއި ގުޅުން ބަދަހިކޮށް މަސައްކަތްކުރެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއާ ބެހޭގޮތުން އެފްރިކާގެ ސަފީރުންގެ ބަސް ލިބިއްޖެނަމަ އދ.ގައި އެ ވޯޓު ހޯދުމަށް ރާއްޖެއަށް ފަސޭހަވެ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރާއްޖޭގެ ދާޚިލީ ކަންކަމާއި އެހެން ޤައުމަކުން ބެހުމަކީ ރާއްޖެއަށް ބަލައިގަނެވޭނެކަމަކަށް ނުވާނެކަމަށާއި، އެފަދައިން ދިވެހިންވެސް ދުނިޔޭގެ އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމަށް އިލްތިމާސް ކުރެއްވިއެވެ. ބައެއް ދިވެހިން ފަރުދީ ޒިންމާގެ ގޮތުގައި ދެކިގެން ކުރެވޭ މިފަދަ މަސައްކަތުން ސަރުކާރަށް އަރައި ނުގަނެވިގެން އަބަދުވެސް އުޅެންޖެހޭކަމަށް ވިދާޅުވިއެވެ. މި ކަންކަން ހައްލު ނުވެއްޖެނަމަ އެކަމުގެ ނޭދެވޭ ނަތީޖާ ނުކުތުމަކީ ކުރިމަތިލާން ބޭނުން ނުވާކަމެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސައުދި އަރަބިޔާގައި ކިޔަވަން ތިބި ކުދިންނަށް ދަތި ކަންކަން ހައްލުކޮށްދެއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެކުދިންގެ ކަންބޮޑުވުންތައް ސައުދީ ސަރުކާރަށް ހުށައަޅާފައިވާކަމަށެވެ. ސައުދީ ސަރުކާރާއޮތް ގުޅުން ރަނގަޅުކަމަށާއި، ގިނަ ކަންކަން ހައްލުވާނެކަމަށް އުއްމީދުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.