ތަރައްްޤީ

ވޯލްޑް ހެލްތު އެސެމްބްލީ ފަށައިފި


ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުންއަންނަ "ވޯލްޑް ހެލްތު އެސެމްބްލީ" ގެ 70 ވަނަ ބައްދަލުވުން ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިއަދު ފެށިއްޖެއެވެ. މިމަހުގެ 22 ން 31 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެމްބަރު ޤައުމަކުން ބައިވެރިވެއެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރާ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުالله ނާޘިމް އިބުރާހީމެވެ. މިނިސްޓަރގެ އިތުރުން މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް މުވައްޒަފުންނާއި ޖެނީވާގައި ހުންނަ ޕާމަނަންޓް މިޝަންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަހަރު ޤައުމުތަކުގެ އިސްބޭފުޅުން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ "އެޑްވާންސިންގ ދަ 2030 އެޖެންޑަރ ފޯ ސަސްޓެއިނަބަލް ޑެވަލޮޕްމަންޓް : ބިލްޑިންގ ބެޓަރ ސިސްޓެމްސް ފޯ ހެލްތް"

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ، ގައިންގައަށް އަރާ ބަލިތަކާއި، ގައިން ގައަށް ނާރާ ބަލިތަކާއި، ޤައުމުތަކުގެ ޞިއްޙީ ނިޒާމުތައް ހަރުދަނާ ކުރުމާއި، އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތަކަށް ފުރިހަމައަށް ތައްޔާރުވެ ވަގުތުން ވަގުތަށް ފިޔަވަޅުތައް އެޅުމާއި، މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި ގުޅުންހުރި ކަންކަމާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބާއްވާ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 މެއި 2017 ވަނަ ދުވަހުއެވެ.