ކުޅިވަރު

މާޒިޔާ ބަލިކުރި ފުރަތަމަ ކޯޗަކަށް، މާޒިޔާގެ ކުރީގެ ކޯޗު


މާޒިޔާގެ ކޯޗުކަމުން އަލީ ސުޒޭން ދުރުވި ފަހުން މާޒިޔާ ބަލިކުރި ފުރަތަމަ ދިވެހި ޓީމަކަށް ވިކްޓްރީ އަދި ފުރަތަމަ ދިވެހި ކޯޗަކަށް އަލީ ސުޒޭން ވެއްޖެއެވެ. ފާއިތުވި ދެ ސީޒަންގައި މާޒިޔާއަށް އިރުޝާދު ދިނުމަށްފަހު މިސީޒަން ފަށަން ކުޑަތަން ވެފައިވަނިކޮށް ވިކްޓްރީއާ ހަވާލުވި ސުޒޭން ވަނީ އެސްޓީއޯ މާލޭ ލީގު ދެވަނަ ބުރުގައި މިއަދު 1-0 ން މާޒިޔާ ބަލިކޮށްފައެވެ. މިއީ މިސީޒަންގައިވެސް އަދި ލީގުގައިވެސް ދިވެހި ޓީމެއްގެ އަތުން މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. އަދި އެޓީމް އަތުން ޕޮއިންޓެއް ގެއްލުނު ފުރަތަމަ މެޗުވެސްމެއެވެ. މީގެކުރިން މިއަހަރު މާޒިޔާ ބަލިވެފައިވަނީ އޭއެފްސީކަޕްގައި ބެލްގަލޫރު އެފްސީ އަތުންނެވެ. 

މިއަދު މެޗުގައި ވިކްޓްރީގެ ލަނޑު ކާމިޔާބުކޮށްދިނީ  ބިދޭސީ ކުޅުންތެރިޔާ ސެޑިކެވެ. މިމެޗުގައި މާޒިޔާއިންވެސް ވަނީ ވިކްޓްރީގެ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ބިދޭސީ ކުޅުންތެރިޔާ ރަކިޗް ދެވަނަ ހާފްގައި ފޮނުވާލީ ބާރު ތިން ބޯޅަ ހިމެނެއެވެ. އޭގެތެރެއިން ދެ ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. އަނެއް ބޯޅަ ވިކްޓްރީގެ ކީޕަރު މުޙައްމަދު އިމްރާން ވަނީ ދިފާއުކޮށްފައެވެ. މެޗުގައި މާޒިޔާގެ ގިނަ ހަމަލާތަކެއް މެޗުގެ މޮޅު ކުޅުންތެރިޔާ އިމްރާން މަތަކުރިއެވެ.

މެޗަށްފަހު ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނީ ގަދަ ހަތަރަކަށް ވާދަކުރާއިރު މިއަދު ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށެވެ. ޚާއްސަކޮށް މިއީ ކުޅުންތެރިންގެ މޯޓިވޭޝަނަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ތިން ޕޮއިންޓްކަން ސުޒޭން ފާހަގަކުރިއެވެ. އަދި މީގެ ކުރިންވެސް ޤަބޫލުކުރި ފަދައިން މާޒިޔާ ބަލިކުރުމަކީ ވިކްޓްރީ ނޫން ޓީމަކަށް ކުރެވޭނެކަމެއް ކަމަކަށް ޤަބޫލު ނުކުރާކަމަށްވެސް ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗް ސެކްލޮވްސްކީ ބުނީ މެޗުން މޮޅުވުމަށް އޭނާގެ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި މޮޅުވާ ދުވަސް ދުވަހާއި ބަލިވާ ދުވަސްވެސް އަންނާނެ ކަމަށާއި، އެކަން ޖެހޭނީ ޤަބޫލުކުރަން ކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ. އަދި މެޗުގައި މާޒިޔާގެ ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރުއަދާ ކުރާކަމަށް ސެކްލޮވްސްކީ ބުންޏެވެ.

މިއަދުގެ މެޗުން ވިކްޓްރީއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ ފުރުޞަތު ބޮޑުވެފައެވެ. ވިކްޓްރީއަށް ވަނީ 11 ޕޮއިންޓް ލިބިފައެވެ. މިއަދުގެ މެޗުން މާޒިޔާ ބަލިވި ނަމަވެސް އެޓީމް އަދިވެސް އޮތީ 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ.