ޚަބަރު

އިތުބާރު ނެތްކަމުގެ ވޯޓުގައި ފަހުބަސް ބުނާނީ ސުޕްރީމްކޯޓުން


ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށާއި، އަދި އެކަށީގެންވާ ސަބަބަކާއެކީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިޔަސް، އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް، ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ. 

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވީ އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ މަޤުޞަދަށްޓަކައި ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭގޮތަށް ކަނޑައަޅައި ދެއްވުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެން މައްސަލައިގައެެވެ. 

ދަޢުވާ ހުށައަޅުއްވަމުން އެޓާނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައިވަނީ، ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގައިވާ ގޮތުގެ މަތީން ވަޒީރުން ޢައްޔަންކުރުމާއި ވަކިކުރުން މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަން ޤާނޫނު އަސާސީން ކަށަވަރުވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންވާނެކަމަށް ޤާނޫނުގައިވާއިރު، މަޖިލީހުގެ ދައުރަކީ ތިން ބާރުގެ ތެރޭގައި ހިމެނޭ އިތުރު ބާރުތަކުގެ މަސައްކަތްތަކަށް ފާރަވެރިވުންކަމަށެވެ.

ވަޒީރުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބާކާއެކު، މަޖިލިސް މެންބަރުންގެ މެދުގައި ނެގޭ އިތުބާރު ނެތްކަމުގެ ވޯޓަކުން އެކަނި ކަމަށް ވަކީލުން ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައިވާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށައަޅާ ހުށައެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިގެންދާނެކަމަށެވެ.