ޚަބަރު

އޭސީސީއަށް ހުށައެޅުނު ވަޒީފާއާ ގުޅުންހުރި މައްސަލަތައް އިތުރު


މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި ވަޒީފާއާ ގުޅުންހުރި މައްސަތައް މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާއިރު ދެގުނައަށް އިތުރުވެފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2 ވަނައަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ވަޒީފާއާބެހޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާ ދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުންފަދަ ކަންކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަތައް ހިމެނޭކަމަށް އޭސީސީން ވިދާޅުވެއެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ވަޒީފާއާގުޅޭ 44 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެކޮމިޝަނަށް ހުށައެޅިފައިވަނީ ވަޒީފާއާގުޅޭ 21 މައްސަލައެވެ.

އެހެން އަހަރުތަކޭވެސް އެއްގޮތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް އޭސީސީއަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތަކެވެ. ޕްރޮކިއުމެންޓާ ގުޅޭ 98 މައްސަލައެއް މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އޭސީސީގައި ރަޖިސްޓްރީކޮށްފައިވާއިރު، ގޯތިގެދޮރާއި، ކުއްޔަށްދޭ ބިމާ ރަށްތަކާ ގުޅޭ ޖުމްލަ 79 މައްސަލަ އެކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއްވައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އޭސީސީގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 318 އެވެ.