ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެއްވެސް މީޑިއާއަކާދެކޮޅަށް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރާއްޖޭގެ އެއްވެސް މީޑިއާއަކާ ދެކޮޅަށް އެއްވެސް މުވައްސަސާއަކަށް މައްސަލައެއް ހުށައަޅުއްވާފައި ނުވާކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ގުޅޭގޮތުން ރާއްޖޭގެ ނޫސްތަކެއްގައި ޝާއިޢުކުރި ލިޔުންތަކަކާ ގުޅިގެން، އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް، މީޑިއާ ކައުންސިލަށް ހުށައަޅާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން، އެކަށީގެންވާ ފަރާތަކާ ޙަވާލާ ދިނުމެއް ނެތި މައުލޫމާތު ފަތުރާފައިވަނިކޮށެވެ. އިބްރާހީމް މުއާޒް ޢަލީ ވިދާޅުވީ، ރައީސް އޮފީހުގެ ނަމުގައި މިފަދަ މައްސަލައެއް ހުށައަޅާފައިވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިފަދަ އެއްވެސް މައްސަލައެއް އެއްވެސް މުވައްސަސާއަކަށް ހުށައަޅުއްވާފައިނުވާކަމުގެ ޔަޤީން ކަން މުއާޒް ދެއްވިއެވެ. މުޢާޒް ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސްގެ އަނބިކަނބަލުންނާ ގުޅޭގޮތުން ނުވަތަ އެކަމަނާ ކުރައްވާ މަސައްކަތްޕުޅަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ކަމާބެހޭ މުވައްސަސާތަކަށް ހުށައެޅުއްވުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށް މުޢާޒް ވިދާޅުވިއެވެ.