ޚަބަރު

ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެންނަނީ


"މާރިޔާ-3" ކޮޅުވެއްޓީގައި ތިބި މީހުން އިންޑިޔާ މަނަވަރުގައި މިހާރު މާލެ އަންނަން ދަތުރުފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކޮޅުވެއްޓީގައި ތިބި މީހުން އިންޑިޔާ ކަނޑުގެ ސިފައިންގެ މަނަވަރަށް ނެގުމަށްފަހު އެ މީހުން މާލެ ގެނައުމަށް ނިންމާފައިވަނީ، ކޮޅުވެއްޓި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތުން ވޭތުވެދިޔަ ތިރީސް ހަ ގަޑިއިރު ތެރޭ ކުރި މަސައްކަތް ކާމިޔާބުވެފައިނުވުމާއި މޫސުން އިތުރަށް ގޯސްވަމުން ދިއުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ކޮޅުވެއްޓި މިހާރު އޮތީ މާލޭ އިރު ދެކުނުން ދުއިސައްތަ ފަނަރަ ނޯޓިކަލް މޭލު ދުރުގައެވެ. އިންޑިޔާ މަނަވަރަށް މާލެ އާދެވޭވަރު ވާނީ މާދަމާ ހެނދުނު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

"މާރިޔާ-3" ކޮޅުވެއްޓި ކަފުޖެހުމަށް ލަންކާގެ ކުންފުންޏެއް ހޯދުމަށް އެ އުޅަނދު އޮޕަރޭޓް ކުރާ ސެނޮކް ޕްރައިވެޓް ލިމިޓެޑުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.

ކޮޅުވެއްޓީގެ ސަލާމަތީ ހުރިހާ ކަމެއް ފުރިހަމައަށް ހުރި ކަމަށާއި އެ އުޅަނދުގެ ކުރީކޮޅުގައި ހިއްލާލެވޭ ގޮތަށް އޮންނަ ރޭމްޕަށް ލިބިފައިވާ ގެއްލުން ފިޔަވައި އިތުރު ގެއްލުމެއް އެ އުޅަނދަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.