ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭން އެއްބާރުލުންދޭނެ


ޓެރަރިޒަމް ހުއްޓުވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމަކީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި، ރާއްޖެއިން ވަރަށް ސީރިއަސްކޮށް މި މަސައްކަތުގައި ބައިވެރިވެ މިކަމުގައި ސައުދީ އަރަބިއްޔާއަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓަށްފަހު ސައުދީ އަރަބިއްޔާގައި ހުންނަވާ ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ މަޤުޞަދަކީ، ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާއާ ގުޅިގެން، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެލަޔަންސެއް އުފެއްދުމެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓެރަރިޒަމް ނައްތާލުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަމުން ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، މިއީ ޓެރަރިޒަމް ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ވަރަށް މުހިންމު ފެށުމެއް ކަމަށެވެ. ރާއްޖެއިން ވަރަށް ސީރިއަސްކޮށް މި މަސައްކަތުގައި ބައިވެރިވެ ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިކަމުގައި ސައުދީ އަރަބިއްޔާއަށް ދޭންޖެހޭ އެއްބާރުލުންވެސް ރާއްޖެއިން ދޭނެކަމަށެވެ. މި ސަމިޓްގެ ސަބަބުން ޓެރަރިޒަމް ނައްތާލުމުގައި ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ޓެރަރިޒަމް ހުއްޓުވުމާއި ބެހޭ ޤާނޫނެއް ފާސްކުރައްވާފައިވާ ކަމަށާއި، އޭގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފަހަގަކުރައްވާ މިނިސްޓަރ ވިދަޅުވީ، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖެއަކީވެސް މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމާއި، ޓެރަރިޒަމަށް ފުރުސަތު ނުދީ ދުނިޔޭގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅުން އުފައްދާ ބަދަހިކޮށް މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ބަދަހިކޮށް ހަރުދަނާ ކުރުން ކަމަށެވެ. މި ސަމިޓުން މިފަދަ ގުޅުން ބަދަހިވެ ހުރިހާ ޤައުމަކުންނާއި ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް އިސްލާމީ ދުނިޔޭގައި ރާއްޖެއަކީވެސް މުހިންމު ޤައުމަކަށް ވެގެންދާ ކަމަށާއި، އެކަން ސައުދީން ބަލައިގަންނަ ކަމަށެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި 55 ޤައުމަކުން ބައިވެރިވެފައިވެއެވެ.