ޚަބަރު

ކޮޅުވެއްޓި ހޯދުމަށް ހިންގީ ފާހަގަކޮށްލެވޭ އޮޕަރޭޝަނެއް- އިންޑިއާ


ގެއްލުނުތާ 7 ދުވަސް ފަހުން ފެނުނު "މާރިޔާ- 3" ނަމަކަށްކިޔާ ކޮޅުވެއްޓި އިއްޔެ ނުހޯދުނުނަމަ އެ ހޯދަން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ކޮޅުވެއްޓި ހޯދުމުގައި ހަރަކާތްތެރިވި އިންޑިއާގެ އަސްކަރިއްޔާގެ ސީނިއަރ ޕައިލެޓް ކޮމާންޑަރ އަވްތާރް ސިންހް ގޮރޯޔާ ވިދާޅުވެއްޖެއެވެ.

އިންޑިއަން ނޭވީގެ ކޮމާންޑަރ ގޮރޯޔާ މިހެން ވިދާޅުވީ، މި ކޮޅުވެއްޓި ހޯދުމުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. އޭނާ ވިދާޅުވީ، ކޮޅުވެއްޓި ފެނުނީ އެއުޅަނދު ހޯދުމަށް ކުރި މަސައްކަތް އެއް ފަހަރަށް މެދުކަނޑާލުމަށްފަހު ދެވަނަ ބުރަކަށް އުޅަނދު ހޯދަން ކުރި މަސައްކަތް ފެށިތާ ތިންގަޑިއިރު ފަހުން ކަމަށެވެ.

ކޮމާންޑަރ ގޮރޯޔާ ވިދާޅުވީ، އިއްޔެ ކޮޅުވެއްޓި ހޯދުމަށް ދިވެހި އަސްކަރިއްޔާއާއި އިންޑިއާގެ އަސްކަރިއްޔާއިން ގުޅިގެން ކުރެއްވި މަސައްކަތްތަކަކީ ކާމިޔާބު ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެއްކަމަށެވެ. މި އޮޕަރޭޝަންގައި ޙަރަކާތްތެރިވި އެއާރބޯން ޓެކްނީޝަން، އަރުން ވިދާޅުވީ މޫސުމުގެ ސަބަބުން ކޮޅުވެއްޓި ހޯދުމަށް ގިނަ ދަތިތަކާއި ކުރިމަތިވި ކަމަށެވެ.

ހަ މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓި ފެނުނީ ލ. އަތޮޅު އިސްދޫމުލީގެ އިރު އުތުރުން 130 ނޯޓިކަލް މޭލު ބޭރުންނެވެ. އެ އުޅަނދު ފެނުނުއިރު އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ކ.ތުލުސްދޫން ފުރައިގެން ލ. އަތޮޅު ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ހަބަރެއް ނުވެ އޮޔާ ދިޔައީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުކުރަން އުނދަގޫ ވެގެންނެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މިކޮޅު ވެއްޓި މާލެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންމަވެސް ކަނޑު ގަދަވެ މޫސުމް ގޯސްކަމުން މި މަސައްކަތައް ދަތިތަކެއް ދިމާވެފައިވާކަމަށާއި ކޮޅުވެއްޓި މާލެ ގެނެވޭނެ ވަގުތެއް އަދި ބުނަން ނޭގޭކަމަށެވެ.