ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނު ހިންގަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނާރޖީ ތާރިޤް އިބްރާހީމެވެ.
މިއީ އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރިޕެއަރިންގ އައުޓާރ އައިލެންޑް ފޯ ސަސްޓެއިނަބްލް އެނާރޖީ ޑިވެލޮޕްމަންޓް މަޝްރޫއުގެ ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.
މާލެއަށް ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަލަށް ބެހެއްޓި އަށް މެގަ ވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށާ އެ ޖަނަރޭޓަރުން މިއަދު ވަނީ މާލެއަށް ކަރަންޓު ދޫކޮށްފައެވެ. ޓެސްޓިންގ ފޭސް ނިންމުމަށްފަހު މާގިނަ ދުވަހެއް ނުވެ ދާއިމީކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މިއީ މާލެ އަށް ކުރިމަތިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްށެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން މާލޭގައި ދުވަހަކަށް ވުރެ ދުވަހެއް ކަރަންޓު ބޭނުންކުރެވޭ މިންވަރު މިދަނީ ގިނަވަމުން. މާލޭގައި ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އެގާރަ އިންސައްތަ ގިނަ ގްރޯތް އެބަހުރޭ. އެހެންވީމާ މިކަމަށް ކޭޓާކުރުމުގެ ގޮތުން ސަރުކާރުން މިއަދު މިދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެއީ އެނގިވަޑައިގަންނަވާނޭ ފަދައިން ރައީސް ޔާމީންގެ ވަޢުދުފުޅަކީ ސައުވީސް ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަޤިންކޮށްދިނުން. އެހެންވީމާ އެ ވަޢުދުގެ ދަށުން ކުރެވުނު ކަމެއްމީ." ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14953588580865.jpg|ސްޓެލްކޯއިން އަލަށް ބެހެއްޓި 8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފެށުން / ފޮޓޯ: ޕީއެސްއެމް
ކުރިއަށް އޮތީ ރޯދަ މަހަށް ވުމުން ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެކަމަށާއި މި ޖެނެރޭޓަރުގެ ސަބަބުން ރޯދަމަހުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް މަދުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ އާއި މާލެ ގުޅިފައިވާ ސަރަޙައްދުތަކުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެއްވުމަށް ސްޓެލްކޯ އިން ބޮޑެތި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ހުޅުމާލޭ ފަންސާސް މެގަ ވޯޓްގެ ޕަވަރޕްލާންޓެއް ހެދުމުގެ މަސައްކަތްތައް ކުރަމުން މިދަނީ އަދި މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގައި އަޅާ ބްރިޖްގެ ދަށުން ގުޅާލެވޭ ހައިޓެންޝަން ކޭބަލްގެ މަސައްކަތްވެސް މިހާރު ޓެންޑަރ ކުރުމުގެ މަސައްކަތްކުރެވެމުންދަނީ. އަދި ކުރިއަށް އޮތްތަނުގައި މާލެ އާއި ހުޅުމާލޭގެ ޕަވަރހައުސް ގުޅާލައި ދެމެހެއްޓެނިވި ގޮތަކަށް މާލެ ސަރަޙައްދަށް ކަރަންޓު ދިނުމަށް ސްޓެލްކޯ އާއި އެކު ސަރުކާރުން ދަނީ މަސައްކަތްކުރަމުން" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.
ޓެސްޓުކުރަން ފެށި 8 މެގަވޮޓްގެ ޖަނަރޭޓަރާއެކު ސްޓެލްކޯގެ ކެޕޭސިޓީ 76000 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތުގެ ޑިމާންޑާއި އެއްވަރުގެ ކެޕޭސިޓީއެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. އަލަށް ގެނެސް ހިދުމަތްދޭން ފަށާފައިވަނީ ފިންލޭންޑްގެ ޥަތްސިލާ ބްރޭންޑްގެ ޖަނަރޭޓަރެކެވެ. މީ ސްރީލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއަށް 807 މިލިއަން ޑޯލަރު ހޭދަވެފައިވެއެވެ. މާލޭގެ ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމަށް އާ ޖަނަރޭޓާރެއް ބަހައްޓާ މިއަދު ހިދުމަތް ދޭން ފަށާފައިވާއިރު މާލެއަށް ކަރަންޓް ދިނުމަށް މިހާރުވެސް ހަތާވީސް ޖަނަރޭޓަރު ބޭނުންކުރަމުންދެއެވެ.
ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ ސްޓެލްކޯގެ ނެޓްވާކަށް ނަގާލޯޑު ބޮޑުވަމުންދާތީ ކަރަންޓް ބޭނުންކުރުމުގައި އިސްރާފު ނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.