ކުޅިވަރު

ޒޯން 8 ގެ ފައިނަލްގެ ފުރަތަމަ ލެގު ފޭދޫ ކާމިޔާބުކޮށްފި


ޒޯން އަށެއްގެ ޗެމްޕިއަން ކަނޑައެޅުމަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު އައްޑޫ ސިޓީގެ ފޭދޫ ޓީމް ކާމިޔާބުކޮށްފިއެވެ. 

ފޭދޫގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފޭދޫ ޓީމް ކާމިޔާބުކުރީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަންއާއި ވާދަކޮށް 5-2 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ފޭދޫ ޓީމުންނެވެ. ދެ ލަނޑުވެސް ޖެހީ ވިންސެންޓް މައިކަލްއެވެ. ދޫޑިގަން ޓީމްގެ ޖޯހާ ލަނޑެއް ޖަހާ ފަރަޤު ކުޑަކޮށްފައިވަނިކޮށް، ފޭދޫ ޓީމުން އަލުން ލީޑް ފުޅާކުރީ އަހުމަދު ސައީދު (އައްމަޓީ) ގެ ދެ ލަނޑުންނެވެ. އޭގެ ފަހުން ފޭދޫ ޓީމްގެ ފަސްވަނަ ލަނޑު ޖެހީ ހުސެއިން ޝާމިންއެވެ. ދޫޑިގަންގެ ދެވަނަ ލަނޑު ޖެހީ ކެޗީއެވެ.

މިދެޓީމް ދެވަނަ ލެގުގައި ފުވައްމުލަކުގައި ވާދަކުރާނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެތެރެއިން ކުރި ލިބޭ ޓީމެއް ދެން ވާދަކުރާނީ ދިވެހި ލީގު ކޮލިފިކޭޝަންގައެވެ. އަށް ޒޯންގެ ޗެމްޕިއަނުން ވާދަކޮށް ކުރި ހޯދާ 4 ޓީމް ވާދަކުރާނީ ރާއްޖޭގެ އެންމެ ބޮޑު ލީގުކަމަށްވާ ދިވެހި ލީގުގައެވެ. ދިވެހި ލީގުގައި ދެން ވާދަކުރާނީ މިހާރު ކުރިއަށްދާ މާލޭ ލީގުގެ ގަދަ ހަތަރު ޓީމެވެ.