ކުޅިވަރު

ބަކާއަށް ޤައުމީ ޓީމްގެ ޖާގައެއް ހައްޤު - ސުޒޭން


ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމުން މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ)އަށް ޖާގައެއް ހައްޤުކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އަމިއްލަ ވިސްނުން ހާމަކުރަމުން ބަކާއަށް މިވަގުތު ވިކްޓްރީގައި އިރުޝާދުދެމުންދާ ކޯޗު ބުނީ މިދިޔަ ބުރަށް ހަމައެކަނި ބެލި ނަމަވެސް ބަކާ ޓީމަށް ނުނަގާނެ ސަބަބެއް ނުވިސްނޭކަމަށާއި، މިއީ އެފްއޭއެމްއިން ވިސްނާލަން ރަނގަޅުކަމެއްކަމަށް ޤަބޫލުކުރާކަމަށެވެ. ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގައިވެސް ހިމެނުނު ބަކާއާއި ގުޅޭގޮތުން ސުޒޭން ބުނީ މިދިޔަ ބުރަށްބަލާއިރުވެސް ބަކާ ޤައުމީ ޓީމަށް ނުނަގާވަރު ނޫންކަމަށެވެ. 

" ޤައުމީ ޓީމަށްވެސް ބަކާ ހުރެއްޖެނަމަ ފައިދާކުރާނެކަމަށް ފެންނާތީ، ބަކާ އެތާ ބަހައްޓަން ވިކްޓްރީން ބޭނުންވެގެނެއްނޫން، އަޅުގަނޑު ޕާސަނަލީ ބޭނުންވެގެނެއްވެސްނޫން. ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑަށް ފައިދާކުރާނެކަމަށް ކޯޗެއްގެ ގޮތުން ޤަބޫލުކުރެވޭތީ " ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗުވެސް އިން ޕްރެސްކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން ސެކްލޮވްސްކީއާ ވާހަކަ ދެއްކުމުން މާޒިޔާގެ ކޯޗު ބުނީ 2003 ވަނަ އަހަރުން ފެށިގެން އޭނާ ބަކާ ދަންނަ ކަމަށާއި، ބަކާއަކީ އޭނާ އިހުތިރާމްުރާ މޮޅު ކުޅުންތެރިއެއްކަމަށެވެ. ނަމަވެސް ޤައުމީ ޓީމަށް ނެގުމާމެދު ގޮތް ނިންމާނީ ޤައުމީ ޓީމްގެ ކޯޗާއި، ޓެކްނިކަލް ޑައިރެކްޓަރު ކަމަށެވެ.

ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރި ބަކާއަށް ޓީމުން ފުރުޞަތު ގެއްލުނީ 2015 ވަނަ ވަނަ އަހަރު ޤައުމީ ޓީމާ ހަވާލުވި ރިކީ ހާބަޓްއަށް ފާޑުކިޔައިގެންނެވެ. އޭގެ ފަހުން ޤައުމީ ކޯޗު ބަދަލުވި ނަމަވެސް ބަކާއަށް ޓީމުން ފުރުޞަތެއް ނުލިބެއެވެ.