ކުޅިވަރު

ގަދަ ހަތަރެއްގަ އޮންނަން މިރޭގެ މެޗު ވަރަށް މުހިއްމު - ސާންތި


އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ދެމި އޮންނަން މިރޭ ޔުނައިޓެޑް ވިކްޓްރީ ބަލިކުރުން ވަރަށް މުހިއްމުކަމަށް އީގަލްސްގެ ކޯޗު އިޙްސާން ޢަބުދުލްޣަނީ (ސާންތި) ބުނެފިއެވެ.

ޔުނައިޓެޑް ވިކްޓްރީ މެޗާ ގުޅޭގޮތުން ސާންތި ބުނީ ފުރަތަމަ ބުރުގައިވެސް ބޭނުންވި ކަންތައް ހާޞިލްވެއްޖެކަމަށާއި، ދެވަނަ ބުރުގައިވެސް އަމާޒަކީ އުނދަގުލުން ނަމަވެސް ގަދަ ހަތަރެއް ކަށަވަރު ކުރުންކަމަށެވެ. އެމަސައްކަތުގައި މިރޭގެ މެޗު ވަރަށް މުޙިއްމުކަމަށާއި، މެޗު ފަސޭހަ ނުވާނެކަމަށެވެ. ޔުނައިޓެޑް ވިކްޓްރީވެސް މިރޭ މޮޅުވެގެން ގަދަ ހަތަރެއްގެ ތެރެއަށް ދިއުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރަމުން ސާންތީ ބުނީ އަތު ނުވާ ހިސާބުގައި އޮތީ އެންމެ ޓީމެއްކަމަށެވެ.

ސާންތި ބުނީ އީގަލްސް ކުޅުންތެރިން މިވަގުތު ތިބީ އޭނާ ހިތްހަމަޖެހޭ ވަރުގެ ފޯމެއްގައިކަމަށާއި، ޔުނައިޓެޑް ވިކްޓްރީވެސް ރަނގަޅުކުރަމުން އަންނަކަމަށެވެ.

" ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރު ތަންކޮޅެއް ވާދަވެރިވެފަ، އުނދަގޫވެސްވާނެ. ރޯދައިގެ ކުރިން މީނަ މެޗު (ޔުނައިޓެޑް ވިކްޓްރީ މެޗު) މިއީ ވަރަށް މުޙިއްމު މެޗެއް ގަދަ ހަތަރެއްގަ އޮންނަން " ސާންތި ބުންޏެވެ.

ދެމެޗަށް ސަސްޕެންޑްވެފައިވާ އަހުމަދު މުބީންއާ ގުޅޭގޮތުން ސާންތި ބުނީ އެއީ ޓީމްގެ ވަރަށް މުޙިއްމު، އޭނާ ހަވާލުވީއްސުރެ އީގަލްސް ހޯދި ކޮންމެ ކާމިޔާބީއެއްގައިވެސް މުޙިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއްކަމަށެވެ. ނަމަވެސް ނެތް ކުޅުންތެރިންގެ ވާހަކަ ދެއްކެން ނެތް ކަމަށާއި، ތިބި ކުޅުންތެރިން އެތަން ފޫބައްދާނެކަމަށެވެ. 

ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޔުނައިޓެޑް ވިކްޓްރީން ބައިވެރިއެއް ނުވެއެވެ. މެޗަށް ނިކުންނައިރު އީގަލްސް 5 ވަނާގަ އޮތީ 10 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް ވިކްޓްރީ ތޮތީ 3 ޕޮއިންޓާއެކު 7 ވަނާގައެވެ.