ކުޅިވަރު

ވެލެންސިޔާގެ ވިސްނުން މާލޭ ލީގު ކޮލިފިކޭޝަނަށް


ރޭ ނިއުރޭޑިއަންޓް އަތުން ވީ ބައްޔާއެކު ވެލެންސިޔާގެ ވިސްނުން ބަދަލުކުރަން ޖެހިއްޖެކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. 

ފުރަތަމަ ބުރުގައިވެސް މެޗަކުން މޮޅުނުވެ، ދެވަނަ ބުރުގެ ފުރަތަމަ މެޗުންވެސް ބަލިވުމުން ފެސްކޯ ބުނީ މިހާރު ދެން ވިސްނުން އެހެން ދިމާލަކަށް ބަދަލުކުރަން ޖެހިއްޖެކަމަށާއި، ގަދަ ހަތަރެއްގެ ފުރުޞަތު އޮތް ކަމަށް ޤަބޫލުނުކުރާކަމަށެވެ. ފެސްކޯ އިޝާރާތްކުރީ މާލޭ ލީގު ކޮލިފިކޭޝަނަށް ވިސްނުން ބަދަލުކުރަން ޖެހޭކަމަށެވެ. 

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިޔާ ކުޅުނު ހަތް މެޗުގެ ތެރެއިން ލިބުނީ އެންމެ ޕޮއިންޓެކެވެ. ދެވަނަ ބުރުގައި ބާކީ އޮތް ހަ މެޗުން މޮޅުވިޔަސް އެންމެ ގިނައިންވެސް ވެލެންސިޔާއަށް ލިބޭނީ ނަވާރަ ޕޮއިންޓެވެ. ތާވަލްގެ ހަތަރު ވަނާގައި މިވަގުތު އޮތް އީގަލްސްއާއި، ވެލެންސިޔާއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަޤެއް އެބައޮތެވެ. މިރޭގެ މެޗުގެ ކާމިޔާބުކޮށްގެން އެފަރަޤު ބޮޑު ކުރުމުގ ފުރުޞަތުވެސް އީގަލްސްއަށް އެބައޮތެވެ.

ފެސްކޯ ބުނީ ދެން ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކޮށްގެން ވެލެންސިޔާގެ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ.

" މިހާރު ދެން ކޮންސެންޓްރޭޝަން ބަދަލުކުރަންވީ. ގަދަހަ ހަތަރެއްގެ ފުރުޞަތެއް ނެތްހެން ހީވަނީ މިހާރުދެން . " ފެސްކޯ ބުންޏެވެ.