ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ކޮޅުވެއްޓި ފެނިއްޖެ


ހަ މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ "މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ލ. އިސްދޫމުލީގެ 130 ނޯޓިކަލް މޭލު ބޭރުން ފެނިއްޖެއެވެ.

ކޮޅުވެއްޓިން ދަތުރުކުރި އެންމެންވެސް ތިބީ ސަލާމަތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ކޮޅުވެއްޓިއަށް ކުރިއަށް ދަތުރުނުކުރެވިފައި އޮތީ އޭގެ ކުރީގައި އޮންނަ ރޭމްޕްގެ ޗޭނު ކަނޑައިގެންގޮސް މޫދަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ. އެ ސަރަޙައްދުގެ މޫސުން ގޯސްވުމާއިއެކު ކަނޑު ވަރަށް ގަދަ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެކަމުގެ ސަބަބުން ކޮޅުވެއްޓި އޮތީ ފަހަތަށްވެސް އަދި ކުރިއަށްވެސް ދަތުރު ނުކުރެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮޅުވެއްޓި ހޯދަމުން ދަނިކޮށް ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައެވެ. ކޮޅުވެއްޓި ފެނުމާއެކު އެސަރަޙައްދުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީ ޝިޕް ކިރްޗް އަށް ވަނީ އެކަން އަންގާފައެވެ. މި އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިންޑިއާގެ މަނަވަރު މިވަގުތު އޮތީ ކޮޅުވެއްޓި އޮތް ސަރަޙައްދުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މަނަވަރުގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.ކޮޅުވެއްޓީގައި ދަތުރު ކުރަމުންދިޔައީ ބިދޭސީ 4 މީހުންނާއި ދިވެހި އަންހެނަކާއި ފިރިހެނަކާއެކު ޖުމްލަ 6 މީހުންނެވެ. މި ކޮޅުވެއްޓީ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ މިމަހުގެ 18ވަނަ ދުވަހުއެވެ. މި އުޅަނދަކީ ސެނޮކް ޕަރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދެކެވެ.

އިތުރު ތަފްސީލް އަންނަނީ..