ޚަބަރު

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ޖުމްލަ ނަތީޖާ


ށ. ކޮމަންޑޫ ކައުންސިލާއި، ތ. މަޑިފުށީ ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ޖުމްލަ ނަތީޖާ އިޢުލާނުކުރައްވައިފިއެވެ.

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރުގައި ވާދަކުރަންޖެހުނު އެމް.ޑީ.ޕީ ދެ ކެނޑިޑޭޓުންގެ ތެރެއިން 384 ވޯޓާއެކު ގޮނޑި ކާމިޔާބުކޮށްފައިވަނީ މުޙައްމަދު އާރިފް އަޙްމަދުއެވެ. އަޙްމަދު ރިފްޢަތަށް ލިބިފައިވަނީ 340 ވޯޓެވެ.

އަދި ތ. މަޑިފުށީ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރެއްވުމަށް ބޭއްވެވި 2 ވަނަ ބުރުގެ ވަގުތީ ޖުމްލަ ނަތީޖާ ދައްކާގޮތުން، މަޑިފުށީ ކައުންސިލްގެ 3 ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެގޮތުން މަޑިފުށީ ކައުންސިލަށް އިންތިޚާބުވެފައިވާ ކެނޑިޑޭޓުންނަކީ އިސްމާޢީލް ޙިލްމީއާއި، ޢައްބާސް އަޙްމަދާއި، ޢަލީ ޙަސީނެވެ.

ށ. ކޮމަންޑޫ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް 2 ވަނަ ބުރުގެ ވޯޓްލުން ކުރިއަށް ގެންދަވާފައި ވަނީ ށ. ކޮމަންޑޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން 3 ވަނައަށް އެންމެ ގިނަ ވޯޓް ލިބިފައިވާ ދެ ކެނޑިޑޭޓުންގެ މެދުގައި ލިބުނު ވޯޓްގެ ޢަދަދު އެއްވަރު ވެފައިވާތީއެވެ. 2 ވަނަ ބުރުގެ ނަތީޖާ ލިބުމާއެކު ކޮމަންޑޫ ކައުންސިލްގެ ގޮނޑިތަކަށް އިންތިޚާބުވެފައިވާ ތިން މެމްބަރުންނަކީ ޕީޕީއެމްގެ ފަރާތުން ވާދަކުރި މުޙައްމަދު ޝުޖްޢާންއާއި، އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރި މުޙައްމަދު މުފީދާއި، މުޙައްމަދު އާރިފް އަޙްމަދެވެ.