ކުޅިވަރު

ޕޮއިންޓަކާއެކު ޓިސީއާއި ގްރީން ސްޓްރީޓަށް ހިތްވަރެއް


އެސްޓީއޯ މާލޭ ލީގުގައި މިއަދު ލިބުނު ޕޮއިންޓަކީ ލީގުގެ ގަދަ ހަތަރަކަށް ދިއުމަށް ކުރާ މަސައްކަތުގައި ކުޅުންތެރިންގެ ރޫހު ރަނގަޅުވާނެ ސަބަބެއްކަމަށް ޓީސީއާއި ގްރީން ސްޓްރީޓްގެ ކޯޗުވެސް ބުނެފިއެވެ.

އެކެއް އެކަކުން އެއްވަރުވި މެޗަށްފަހު ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ބުނީ މެޗުގެ ކުރިންވެސް ބުނި ގޮތަށް އެންމެ ކުޑަމިނުން ޕޮއިންޓެއް ލިބުން މިއީ ކުރިއަށްދާން އަނެއްކާވެސް ހިތްވަރެއްކަމަށެވެ. ޞޮބާ ބުނީ ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭކަމަށާއި، ޓީސީއަކީ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމްކަމަށެވެ. މޮޅުވާން އައި ނަމަވެސް ލީގުގައި ކޮންމެ ދުވަހަކު މޮޅުނުވާނެކަމަށް ޞޮބާ ބުންޏެވެ. ޚާއްޞަކޮށް އަލަށް ވާދަކުރާ ޓީމެއް ކޮންމެ ދުވަހަކު މޮޅުވަމުން ދާކަމަށްވަންޏާ އެއީ އަރަތެއްކަމަށް ޞޮބާ ބުންޏެވެ. 

" އިން ޕޮޒިޝަނަށްވުރެ ފަހަތަކަށްނޫން ދިޔައީކީ. މިއަދު އެއް ޕޮއިންޓުން ސާދަ ޕޮއިންޓް ހަމަވެގެންް އަދިވެސް އިރާދަކުރެއްވިއްޔާ މިއޮތީ ޓޭބަލްގެ ތިން ވަނާގަ. ބަލިނުވުން މިއީ އަޅުގަނޑުމެންނަށް، ޓީމަށް ލިބުނު ވަރަށް ބޮޑު މޯޓިވޭޝަނެއް " މެޗަށްފަހު ޞޮބާ ބުންޏެވެ.

ޞޮބާ ބުނީ ކުރިއަށް އޮތް ނިއުރޭޑިއަންޓް މެޗަކީ އަނެއްކާވެސް ވަރަށް އުނދަގޫވާނެ މެޗެއްކަމަށާއި، ނަމަވެސް ގަދަ ހަތަރެއްގައި އޮވެވޭނީ މިބުރުގައިވެސް ދެމެޗެއް، ތިން މެޗެއް ކާމިޔާބުކޮށްގެންކަމަށެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ މިއަދުގެ މެޗަކީ މެޗުގެ އޮއިވަރަށް ބަލާއިރު ތިން ޕޮއިންޓް ލިބޭނެވަރުގެ މެޗެއްކަމަށާއި، ޓީމްގެ ކުޅުން ވަރަށް ރަނގަޅުކަމަށެވެ. ޓީމް މިހާރު އޮތް ހާލަތަށް ބަލާއިރު އެއް ޕޮއިންޓަކީވެސް ޓީމަށް ލިބޭނެ ވަރަށް ބޮޑު މޯޓިވޭޝަނެއްކަމަށް ނިޒާމް ބުންނެވެ.

" އަދި އެބައޮތް ހަ މެޗު. ހަ މެޗުން އަށާރަ ޕޮއިންޓް ލިބޭނެ. މިބަލަނީ ބުރު ނިމޭއިރު ބާވީސް ޕޮއިންޓަކީ އެއީ ގަދަ ހަތަރެއްކަމަށް. އެހެންވީމާ އެއަށް ޓާގެޓް މިކުރަނީ. އަދި ހަމަ ހުރިހާ ޓީމަކަށްވެސް ފުރުޞަތު އެބައޮތް." މެޗަށްފަހު ނިޒާމް ބުންޏެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގްރީން ސްޓްރީޓުންނެވެ. ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްގެ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ސޯބޯލް އިލިއާއެވެ. އޭގެ ކުރިން ޓީސީން ނުރައްކާތެރި ދެހަމަލާއެއް އުފެއްދިއެވެ. ފުރަތަމަ ހަމަލާ އިބްރާހީމް ވަހީދު ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އަބުދުﷲ ހަނީފަށް ލިބުނު ފުރުޞަތުވެސް ބޭނުމެއް ނުކުރެވުނެވެ. ގްރީން ސްޓްރީޓްގެ ލަނޑަށްފަހު އެޓީމްވެސް ދެތިން ފުރުޞަތެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް އަހުމަދު ރަޝީދު (އައްމަޑޭ)އަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. މެޗުގައި ޓީސީން ލަނޑު ޖެހީ ގްރީން ސްޓްރީޓްގެ ކީޕަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ސްޓެވާޓެވެ.

މިއަދު މެޗުން ލިބުނު ޕޮއިންޓާއެކު ގްރީން ސްޓްރީޓް ވަނީ 14 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމް އޮތީ ޓޭބަލްގެ ތިން ވަނާގައެވެ. ޓީސީ އޮތީ 11 ޕޮއިންޓާއެކު 4 ވަނާގައެވެ.