ޚަބަރު

ހުޅުމާލޭގައި ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި


"ސާފު ހުޅުމާލެ، އަހަރުމެންގެ ޒިންމާ" މި ޝިޢާރުގެ ދަށުން ހުޅުމާލޭގައި ސާފުކުރުމުގެ ޙަރަކާތެއް ކުރިޔަށްގެންގޮސްފިއެވެ.

ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯރޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ސާފުކުރުމުގެ ޙަރަކާތުގައި، ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނިތަކާއި، ސްކޫލްތަކުގެ އިތުރުން އެމް.އެން.ޑީ.އެފާއި ފުލުހުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. tw:https://twitter.com/hdcmaldives/status/865783188009897984

މިޙަރަކާތް ފެށުމުގެ ގޮތުން އެޗް.ޑީ.ސީގެ "މުނިސިޕަލް ސާރވިސަސް އެންޑް އެޑްމިނިސްޓްރޭޝަން"ގެ ޑިރެކްޓަރ، އަޙުމަދު ފާތިޙް ދެއްކެވި ވާހަކަފުޅުގައި، ސާފުވެށްޓެއް ޤާއިމުކުރުމަށްޓަކައި ހުރިހާ އެންމެންގެ ފަރުދީ ޒިންމާނެގުން މުހިންމުކަން ފާހަގަކުރެއްވިއެވެ. ހުޅުމާލެއަކީ ގިނަބަޔަކު ޒިޔާރަތްކުރާ ވަރަށް ހިތްގައިމު ތަނެއް ކަމުން، ހުޅުމާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށް ފާތިޙް ވިދާޅުވިއެވެ. tw:https://twitter.com/hdcmaldives/status/865783560292016129

މިއަދު ހެނދުނު 8 - 11:30 ވަންދެން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު، ރެޒިޑެންޝަލް ތަންތަނާއި ޢާއްމުކޮށް މީހުން އެއްވެއުޅޭ ސަރަޙައްދުތައް ވަނީ ސާފުކޮށްފައެވެ.

ސާފުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ފަރާތްތަކަށް ކުނި ނެގޭނެ ވަޞީލަތްތައް އެޗް.ޑީ.ސީއިން ފޯރުކޮށްދިނެވެ. އަދި ކުނި ކޮތަޅުތަކުގައި، މަގުތަކަށް ޖަމާކުރި ކުނިތައްވެސް ،އެޗް.ޑީ.ސީގެ ވެހިކަލްތަކުގައި އުކާލުމުގެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިދީފައިވެއެވެ. tw:https://twitter.com/MTCCPlc/status/865794927933890561

ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ވަގުތު، ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ވަނީ ކުނި ގިނަވުމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތަކާއި، ސާފުނުކޮށް ގިނަ ދުވަސްވެ، މަދިރި އާލާވާ ތަންތަން އުފެދުމުގެ ސަބަބުން ދިމާވާ މައްސަލަތަކާބެހޭ މަޢުލޫމާތު ސާފުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނާ ޙިއްސާކޮށްފައެވެ.

ސާފުކުރުމުގެ މި ޕްރޮގްރާމަކީ، މިދިޔަ އަހަރު އެޗްޑީސީން ފެށި ޕްރޮގްރާމެކެވެ. ކުރިއަށްއޮތްތާގައި މި ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް، ބައިވެރިވާ ފަރާތްތައް އިތުރުކުރުމަށް އެޗް.ޑީ.ސީއިން ދަނީ މަސައްކަތް ކުރަމުންނެވެ. tw:https://twitter.com/hdcmaldives/status/865783975901409280

މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެކިފަރާތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން އެޗް.ޑީ.ސީއިން ފާހަގަކުރައްވައެވެ.