ޚަބަރު

"ކޮޅުވެއްޓި ނުފެނިއްޖެނަމަ، ރާއްޖެ ސަރަޙައްދުން ބޭރުވެދާނެ"


6 މީހުންނާއެކު ގެއްލިގެން ހޯދަމުންދާ "މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި މާދަމާގެ އިރުއޮއްސުމުގެ ނިޔަލަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުފެނިއްޖެނަމަ، އެ ކޮޅުވެއްޓި ނުވަތަ ކޮޅުވެއްޓިން ދަތުރުކުރި މީހުން ރާއްޖެ ހިމެނޭ ސަރަޙައްދުން ބޭރުވާނެ ކަމަށް ލަފާ ކުރެވޭކަމަށް އެމްއެންޑީއެފް ކޯސްޓްގާރޑުން ވިދާޅުވެއްޖެއެވެ. 

ކޮޅުވެއްޓި ހޯދުމުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ކޯސްޓްގާރޑް ބިލްޑިންގުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ކާރނަލް މުޙައްމަދު އިބްރާހީމް ވިދާޅުވީ ކޮޅުވެއްޓިއާއި ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް މަޢުލޫމާތު ލިބުމާއެކު އެ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ކާނަލް މުޙައްމަދު އިބްރާހިމް ވިދާޅުވީ ލ. އިސްދޫގެ އިރުއުތުރުން 50 ނޯޓިކަލް މޭލު ބޭރުން ބައެއް ކަހަލަ ކޮޅުވެއްޓިއާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ މާރިޔާ ތިނެއް ކޮޅުވެއްޓީގެ ތަކެތި ކަމެއް ވިދާޅުވާން ދަތި ކަމަށް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ކޮޅުވެއްޓި ހޯދުމުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާއިރު، އިންޑިއާގެ އަސްކަރީ މަނަވަރަކާއި މަތިންދާބޯޓެއްވެސް ދަނީ ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންނެވެ. ގެއްލުނު ކޮޅުވެއްޓީގައި ބިދޭސީ ހަތަރު މީހުންނާއި ދިވެހި އަންހެނަކާއި ފިރިހެނަކާއެކު ޖުމްލަ ހަ މީހުން ތިބިކަމަށް މަޢުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.