ޚަބަރު

ރައީސްގެ އިޚްލާޞްތެރިކަން ހާމަވޭ އައްޑޫޫއަށް އަވަސްއެހީއެއްވުމުން


އައްޑޫސިޓީއަށް ދިމާވި ޙާދިސާގައި ލިބުނު ގެއްލުންތައް ފޫބެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި އަވަސް ފިޔަވަޅުތަކަކީ، ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮތް ތާއީދަކަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ރައީސް ޔާމީންގެ އިޚްލާޞްތެރިކަން ހުރި މިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދު ﷲ ޚަލީލް ވިދާޅުވީ، އައްޑޫސިޓީގައި ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރަށް އެއްވެސް ވަރަކަށް ނުބައްލަވައި، ރައްޔިތުންނަށް ލިބުނު ގެއްލުމުން ސަލާމަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެންގެވި އިސްނެންގެވުމަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅެއް ކަމަށެވެ. ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެއްވީ އެމް.ޑީ.ޕީގެ ކެނޑިޑޭޓުންކަން ފާހަގަކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ، ވެރިކަންކުރާ ޕާޓީއަށް ތާއީދު ނެތް ދާއިރާތަކުގައިވެސް އެހެންދާއިރާތަކާ އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރުން ޚިދުމަތް ދެއްވަމުންގެންދަވާ ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވީ، ސަރުކާރުން އައްޑޫސިޓީގެ ބައެއް ރައްޔިތުންނަށް ދިމާވި ކަންކަން ޙައްލުކޮށްދެއްވުމަށް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ވަނީ ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކުން އަދާކުރާ ދައުރުފާހަގަކޮށް، އެޕާޓީގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.