ޚަބަރު

ކުރިޔަށް އޮތް 72 ގަޑިއިރު އިތުރަށް ވައިގަދަވާނެ- މެޓް އޮފީސް


ރާއްޖެއަށް ކުރަމުން މިދާ ހުޅަނދު މޫސުމުގެ ވިއްސާރައިގައި މެދު ރާއްޖެތެރެއަށާއި އުތުރުގެ ސަރަޙައްދަށް ކުރިޔަށް އޮތް 72 ގަޑިއިރު އިތުރަށް ވައިގަދަވާނެކަމަށް ލަފާކުރެއްވޭކަމަށާއި ދަތުރުފަތުރުކުރުން ރަނގަޅު ނޫންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާދެއްވައިފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރު 13:30 ގައި މަޢުލޫމާތުދެއްވި ގޮތުގައި މޫސުމީ މި ވިއްސާރަ، މެދުރާއްޖެރެއަށާއި އުތުރަށް އަދިވެސް ބާރުގަދަވަމުންދާނެކަމަށް ބެލެވެއެވެ.

ރާއްޖޭގައި ޢާންމުކޮށް ވައިގަދަވާ އެވްރެޖް މިންވަރަކީ ސޯޅަ ސަތާރަ މޭލުނަމަވެސް މިހާރު މެދުރާއްޖެ ތެރެއާއި އުތުރަށް ގިނަވަގުތު އެވްރެޖްކޮށް ވައިޖެހެމުންދަނީ އޭގެ ދެގުނަ ބާރުމުގައި ގަޑިއަކީ 30 މޭލަށްވުރެވެސް ބާރުމިނުގައެވެ. މިއީ ކަނޑު ދަތުރުފަތުރުކުރަން ރަނގަޅު ވަރަކަށް ނުވާއިރު، ކޮޅިގަނޑުގައި 50 މޭލު ބާރުމިނުގައި ވައިޖެހެމުގެ ފުރުޞަތު އެބައޮތްކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ލަފާކުރައްވައެވެ. 

އެ މަރުކަޒުން ވިދާޅުވީ، އުތުރުގެ އަތޮޅުތައް އަދި ވަކިން ޚާއްޞަކޮށް މެދުރާއްޖެތެރޭގެ ސަރަޙައްދުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުފެށުމަށާއި އެފަދަ ޙާލަތެއްގައި ދަތުރުފަށާއިރުވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި ލަފާހޯދައިގެން ނޫނީ ދަތުރުކުރުން ރައްކާތެރިކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައިވެސް މޫސުމަށް ބަލައިގެން ނޫނީ ދަތުރުނުކުރުމަށް ލަފާދެއްވައެވެ.