ޚަބަރު

ގެއްލުންވި ގެތަކުގެ މަރާމާތުގެ މަސައްކަތް ހަލުވި ދުވެލީގައި


އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ހިތަދޫގެ ބައެއް ގެތަކުގެ މަރާމާތުގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށް އެބަގެންދެއެވެ.

ނަގޫރޯޅީގައި ގެއްލުންވި ޚަބަރު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން އެ ގެތަކުގައި ދިރިއުޅެމުންދިޔަ އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ގެތަކުގެ މަރާމާތަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ވަގުތުން ހަރަކާތްތެރިވާން ވަނީ ފަށާފައެވެ. މިގޮތުން ފުރާޅު އެއްލާލައި ގެއްލުންވި ގެތަކުގައި އަލުން ފުރާޅު އެޅުމުގެ ބުރަ މަސައްކަތް ވަގުތުން ފަށްޓަވާފައިވެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހިނގި މިހާދިސާގެ ސަބަބުން ހިތަދޫގެ 5 ގެއެއްގައި ދިރިއުޅެމުންދިޔަ ޢާއިލާތަކަށްވަނީ ހިތާމައާ ކުރިމަތިވެފައެވެ. tw:https://twitter.com/PSMnewsmv/status/865819617003843584

ހިތަދޫގެ ގެތަށް މަރާމާތުކުރުމަށް އެކުލަވާލި ޓާސްކުފޯހުގެ ފަރާތުން ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށް 24 ގަޑިއިރުވެސް ނުވަނީސް ބައެއް ގޭގޭގެ ފުރާޅުގައި ޓިނުޖަހައި އެގެތަކަށް މީހުންނަށް ވަދެވޭވަރުކޮށްފައިވެއެވެ. tw:https://twitter.com/PSMnewsmv/status/865818898758639616

އައްޑޫ ސިޓީ ހިތަދުއަށް ނަގޫރޯޅި އަރާފައިވަނީ ބުދަދުވަހުގެރޭ 10 ޖަހަން ކާއިރިވެފައިވަނިކޮށެވެ. މި ހާދިސާގައި 19 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާއިރު، އެންމެ ބޮޑަށް ގެއްލުންވީ އެރަށުގެ މެދު ސަރަޙައްދުގައި ހުރި ފަސް ގެއަކަށެވެ. ނަގޫރޯޅިއާއެކު މިގެތަކުގެ ފުރާޅު އެއްލާލާ ކޮޓަރިތަކަށް ފެންވަދެ ގޭގައި ގެންގުޅޭ އަގުބޮޑުތަކެއްޗާއި ފަރުނީޗަރުތައް ވަނީ ހަލާކުވެފައެވެ. އެތައް ދުވަހެއްގެ ބުރަ މިންނެތް މަސައްކަތުން އެއްކުރި މުދަލާއި ތަކެތި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވަނީ ހަލާކުވެގޮސްފައެވެ. ދާދިފަހުން މުޅިން އަލަށް ހެދި ގެތަކައްވެސް މީގެތެރޭގައި ހިމެނެއެވެ. tw:https://twitter.com/PSMnewsmv/status/865812377597485056

މިހާދިސާ ހިނގުމާއެކު، ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެމީހުންގެ ހާލު ބައްލަވައި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވަގުތުން މަސައްކަތް ފެށްޓެވުމަށް ސަރުކާރުގެ މުއައްސަސާތަކަށް އަންގަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އައްޑޫ ސިޓީގެ ޙާލަތު ބެއްލެވުމަށް ފޮނުއްވި ވަފުދުގައި ޑިފެންސް މިނިސްޓަރާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްބޭފުޅުން ވަނީ ގެއްލުންވި ގެތަކަށް ޒިޔާރަތްކުރައްވައި ލިބުނު ގެއްލުންތައް ބައްލަވައި، އަސާސީ ކަންކަން ބޭނުންވި ޢާއިލާތަކަށް އެހީތެރިވެދެއްވާފައެވެ. އަދި ވަގުތުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައްވައި އެންމެ ބޮޑަށް ގެއްލުންވިގެތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ދަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. tw:https://twitter.com/PSMnewsmv/status/865811763266113536

tw:https://twitter.com/psmnewsmv/status/865841106377986048