ދީން

ތުރުކީގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވަނީ


ހިތުދަސްކުރުމާއި ބަލައިގެން ކިޔުން ހިމެނޭ ތުރުކީގެ ޤުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ތުރުކީން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ "ހޮލީ ޤުރުއާން މެމަރައިޒޭޝަން އެންޑް ރެސިޓޭޝަން" މުބާރާތުގައި ރާއްޖެ ތަމްޞީލް ކުރަން ހަމަޖެހިފައިވަނީ އަލްޤާރީ އަލްޙާފިޡު ޢަބްދުﷲ މުފީދުއެވެ. ހިތުން ކިޔުމާއި ބަލައިގެން ކިޔެވުން ހިމެނޭ މިމުބާރާތުގައި އަލްޤާރީ އަލްޙާފިޡް ޢަބްދުﷲ މުފީދު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔެވުމުގެ ބައިގައެވެ.

ތުރުކީގެ އިސްލާމިކް އެފެއަރޒް ޑިޕާޓްމެންޓުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މިއީ މިމުބާރާތް ބާއްވާ 5 ވަނަ އަހަރުއެވެ. މުބާރާތް ކުރިއަށް ދާނީ ތުރުކީގެ އިސްތަންބޫލްގައެވެ.

މިމުބާރާތުގައި ރާއްޖެއަށް ބައިރިވުމުގެ ފުރުސަތު ލިބިފައިވަނީ، ސަރުކާރުން ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހި ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރު އިސްލާމިކް މިނިސްޓާރ ޑރ. ޢަބްދުﷲ ޒިޔާދު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހިމް ރަޝީދު ވަނީ މުބާރާތުގައި ބައިވެރިވާ އަލްޤާރީ އަލްޙާފިޡު ޢަބްދުﷲ މުފީދާ ބައްދަލުކުރައްވައި މުބާރާތާބެހޭ މަޢުލޫމާތު އޮޅުން ފިލުވައިދެއްވައި ހިތްވަރުދެއްވާފައެވެ.