ޚަބަރު

"މަންމަ" ދަރުސް - އެތައް ބައެއްގެ ހިތް ރޮއްވާލައިފި


މައިމީހާގެ މަތިވެރިކަމާ އިހްސާންތެރިކަން ހަނދުމަކޮށްދެއްވައި، ޝައިޚް އާދަމް ޝަމީމް އިބްރާހިމް ދެއްވި މަންމަ ދަރުސްގެ ސަބަބުން އެތައް ބައެއްގެ ހިތް ރޮއްވާލައިފިއެވެ.

"މަންމަ" މި ނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ދަރެހުގައި ޝެއިހް ޝަމީމް ވަނީ މައިންބަފައިން އަދި ވަކިން ޚާއްސަކޮށް މައިމީހާގެ މާތްކަމާ ގުޅޭގޮތުން ވައުޟު ވިދާޅުވެފައެވެ.

ސަދަޤާތް ފައުންޑޭޝަނުން އިސްނަގައިގެން ދަރުބާރުގޭގައި ބޭއްވި މި ދަރުސްގައި ޝެއިހް އާދަމް ޝަމީމް ވަނީ މައިން ބަފައިންނަށް އޯގާތެރިވުމަކީ ކޮބައިކަމާއި އެމީހުންނަށް އޯގާތެރިކޮށް ކަންތައްތައް ކޮށްދިނުމާމެދު ދީނުގައި އޮންނަ ގޮތް، ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުން މިސާލު ދައްކަވާފައެވެ. އަދި އިންސާނާ ސުވަރުގެ ދިއުމަށް އެންމެ ފަސޭހަ މަގަކީ މަންމައާ ބައްޕަ އަދި ވަކިން ޚާއްސަކޮށް މަންމައަށް އަޅާލައި އޯގާތެރިވެގެންކަން ޝައިހްގެ ދަރުސްގައި ވަނީ ފާހަގަކުރައްވާފައެވެ.

މައިމީހާއަކީ ފަށުވި ފޭރާމަށްވުރެވެސް އަގުބޮޑު ޖަވާހިރެއްކަން ހަނދުމަ ކޮށްދެއްވަމުން ޝެއިހް ވިދާޅުވީ ޝަރީކު ކުރުމުގެ ފާފައާ އެކުގައި މާތްﷲ އެންމެ ނުރުއްސަވާ އަނެއް ކަމަކީ މައިންބަފައިންނަށް އުރެދުން ކަމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނަށް އިހުސާންތެރިވުމަށް ވަޞިއްޔަތް ކުރައްވާފައިވާކަން ޝައިޚް ވިދާޅުވިއެވެ. އޭގެތެރެއިން ޝަމީމް ވިދާޅުވީ މަންމައަށް އިޙްސާންތެރިވުމަށް ﷲ ވަޞިއްޔަތް ކުރައްވާފައިވާ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14951821895729.jpg|މަންމަ ދަރުސް އަޑު އެއްސެވުމަށް ރައީސްގެ އަނބިކަނބަލުންވެސް ވަޑައިގެންނެވި / ފޮޓޯ: އަސުރުމާ

އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ މި ދަރުހުގައި ޝައިޚް އާދަމް ޝަމީމް ވިދާޅުވީ މައިންބަފައިންނަށް އިޙްސާންތެރިވުމުގެ ގޮތުން އެމީހުންގެ އަމުރަށް ކިޔަމަންވާންޖެހޭނެ ކަމަށާއި އެބައިމީހުންނަށް ހެޔޮކޮށް ކަންތައް ކުރަންޖެހޭ ކަމަށެވެ.

އިންސާނާގެ ހަށިގަނޑަކީ މަންމަގެ ހަށިގަނޑުގެ ތެރެއިން އަންނަ އެއްޗެއްކަން ފާހަގަކުރައްވާ ޝެއިހް އާދަމް ޝަމީމް ވިދާޅުވީ އެ މަންމައާ ބައްޕަ މުސްކުޅިވެ ބަލިހާލުގައިވާ ދުވަހު އެ ދެމީހުންނަށް އަޅާލައި ލޯބިދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު ދިވެހިންގެ ތެރެއިންވެސް ފެންނަނީ މަންމައާ ބައްޕަ ދުނިޔެ މައްޗަށް ގިނަކޮށްލާފައި ހުންނަ މަންޒަރު ކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް ޝައިޚްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މަންމައާ ބައްޕަ މަރުވެގެން ދިއުމުންވެސް އެ ދެމީހުންގެ ހައްޤުތައް އަދާކުރުން ނިމުނީ ނޫން ކަމަށާއި އެ ދެމީހުންގެ މަރުވެ ދިއުމުން އެދެމީހުންގެ މައްޗަށް ހެޔޮދުޢާކޮށް ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމަކީ ދަރިންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ޝައިޚްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަސަރާއެކު ޝައިހު އާދަމް ޝަމީމް ދެއްވި މި ދަރުހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.