ކައުންސިލް އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިކުމެވަޑައިގެން ހޯއްދެވީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރ ޢަބްދު ﷲ ޚަލީލް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީޕީއެމްއަށް ނުލިބުނު ނަމަވެސް ރައީސް ޔާމީން، އެކަނި ނުކުންނަވައި އިންތިހާބުގެ 41 ފަސެންޓް ވޯޓް ހޯއްދަވާފައިވާކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް މެމްބަރުން މިއަދު ޕީޕީއެމާ ގުޅުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ އަމިއްލަ މެމްބަރުން ޕީޕީއެމާ ގުޅޭތަން ފެނިގެންދާނެކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ވަރުގަދަކުރުމަށް ފެށި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން، ޕާޓީ ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަލީލް ތުހުމަތުކުރެއްވިއެވެ. ޚަލީލް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި އޮޅުން އަރާ ފަދަ މަޢުލޫމާތު އިދިކޮޅު ފަރާތްތަކުން ކުރަމުން އަންކަމަށެވެ.
ޕީޕީއެމްއިން ބުނީ ރައްޔިތުންގެ އިތުބާރު އޮތީ ކައުންސިލަށް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު އޮތީ ސަރުކާރުން ކުރާ މަސައްކަތަށް ކަމަށްވެސް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.