ތިމާވެށި

"ގެއްލުން ލިބުނު ގެތައް ވަރަށް އަވަހަށް މަރާމާތުކުރެވޭނެ"


އައްޑޫ ސީޓީއަށް ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތައް ރަމަޟާންމަސް ފެށުމުގެ ކުރިން ފޫބެއްދުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާ ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ ހިންގެވުވާ ޙަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރގެ ނައިބު ފާތިމަތު ތަސްނީމް ވިދާޅުވީ، އައްޑޫ ސިޓީގެ 12 ގެޔަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ސަބަބުން ގެ ދޫކޮށް އެހެން ތަނަކަށް ބަދަލުވާންޖެހުނު އާއިލާތަކަށް އެމީހުންގެ ގެތައް މަރާމާތުކުރުމަށްފަހު ރަމަޟާންމަސް ފެށެންވާއިރަށް ވަދެވޭނީ ވަރަށް އަވަހަށް މަސައްކަތް ކުރިއަށްގެންދެވިގެންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިވަޑައިގެން އެމަސައްކަތް ކުރައްވާނެކަމަށް ތަސްނީމް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވުމަށް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޓީމެއް މިއަދު އައްޑޫއަށް ދާނެކަމަށާއި، ޑިޒާސްޓަރގެ ޓީމް އައްޑޫއަށް ދިއުމުގެ ކުރިންވެސް އައްޑޫ ސިޓީ ކައުންސިލާއި، ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއެކު، ލިބިފައިވާ ގެއްލުންތައް ފޫބެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ތަސްނީމް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ރޭ އެރި ނަގޫރޯޅިއާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވި ހުރިހާ ފަރާތްކުން ވަގުތީ ބޯހިޔާވަހިކަން ހޯދާފައިވާކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވަނީ ވިދާޅުވެފައެވެ. 

ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ނަގޫރޯޅިއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވި ހުރިހާ ފަރާތްތަކުން، ހިޔާވަހިކަން ހޯދަން ބޭނުންވީ ޢާއިލާ މީހުންގެ ގޭގެއިންނާއި، ރައްޓެހިންގެ ގޭގެއިންކަމަށް، އެހެންކަމުން އައްޑޫސިޓީ ކައުންސިލާއި ސަލާމަތީ ބާރުތަކުން ގުޅިގެން އެއިންތިޒާމް ހަމަޖައްސަވާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. 

މޭޔަރ ޞާދިޤް ވިދާޅުވީ ގެއްލުން ލިބުނު ގޭގެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމަންޓްގެ އިރުޝާދުގެ ދަށުން ބާރު ސްޕީޑެއްގައި ކުރައްވަމުން ގެންދަވާކަމަށެވެ. ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގޭގެއަށް ލިބިފައިވަނީ ބޮޑެތި ގެއްލުންތަކެއް ކަމަށާއި، ލިބުނު ގެއްލުންތަކުގެ މިންވަރު ބައްލަވަމުންގެންދަވާކަމަށް ޞާދިޤް ވިދާޅުވިއެވެ.

ރޭ ދިހަގަޑި ބައިކަންހާއިރު ހިތަދޫގެ މެދުތެރެއަށް އެރި މި ނަގޫރޯޅީގެ ސަބަބުން 6 ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު، ފުރާޅުމައްޗަށް ބޮޑެތި ގަސް ވެއްޓުމުގެ ސަބަބުން 3 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންނަމަވެސް މިޙާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ވެފައެއްނުވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ފަންޑެއްވެސް ހުޅުވާފައެވެ.