ޚަބަރު

ގާސިމްގެ މައްޗަށް ކަނޑައެޅި ޝަރުތުތައް އުވާލައްވައިފި


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް އެކޯޓުން އުވާލައްވައިފިއެވެ. 

ފުލުހުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ފުލުހުންގެ ބަންދުގައި ބެހެއްޓެވުމަށްފަހު ކޯޓުން އޭނާ ދޫކޮށްލާފައިވަނީ 7 ޝަރުތެއް ކަނޑައެޅުމަށްފަހު، އެޝަރުތުތަކަށް އޭނާ އެއްބަސްވުމުންނެވެ.

ކްރިމިނަލް ކޯޓުން ޤާސިމްގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަލާމަތީ ބާރުތަކުގެ މައްޗަށް ޤާސިމް ބާރު ފޯރުވަން މަސައްކަތް ކުރަމުންދާކަމަށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެނެވެ. އެހެންނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ކުރެއްވި ޝަތުތައް އުވާލެއްވުމަށް ނިންމަވާފައިވަނީ، ޤާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވުމާ ގުޅިގެނެވެ.

ކްރިމިނަލް ކޯޓުންވަނީ އެކޯޓުން ގާސިމްގެ މައްޗަށް ކަނޑައެޅުއްވި ޝަރުތުތައް އުވާލެއްވިކަން އޭނާއަށް ލިޔުމުން އަންގަވާފައެވެ.