ޚަބަރު

އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓްލާ މީހުންގެ ލިސްޓް ޢާންމުކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ބާއްވަން ޖެހުނު ދެދާއިރާގެ ވޯޓްލުމަށް ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓް ޢާންމުކުރައްވައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބާއްވަންޖެހުނު ދެދާއިރާއަކީ، ތ. މަޑިފުށީ ކައުންސިލާއި، ށ. ކޮމަންޑޫ ކައުންސިލެވެ. އިންތިޚާބުގެ މިބުރުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ސުންގަޑި މިއަދު މެންދުރުފަހު 2 ޖެހިއިރު ވަނީ ހަމަވެފައެވެ. މަޑިފުށްޓާއި ކޮމަންޑޫގެ ވޯޓްނެގުން ބޭއްވެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީކުރުމުގެ ފުރުޞަތު ރޭގެ ނިޔަލަށް އިލެކްޝަސް ކޮމިޝަނުން ވަނީ ދެއްވާފައެވެ. މި އިންތިޚާބުގައި ވޯޓްފޮށި ބެހެއްޓެވުމަށް ހަމަޖެހިފައިވަނީ ތ. މަޑިފުށްޓާއި ށ. ކޮމަންޑޫގެ އިތުރުން މާލޭގައެވެ.

ތ. މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރުގެ ބޭއްވެވުމަށް އެކޮމިޝަނުން ނިންމަވާފައިވަނީ އެރަށު ކައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިނުވާ މީހަކު ވޯޓްލާފައިވާ ކަމަށް ހުށައެޅިފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އަދި ށ. ކޮމަންޑޫ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް 2 ވަނަ ބުރުގެ ވޯޓްލުން ކުރިއަށްގެންދެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ށ. ކޮމަންޑޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން 3 ވަނައަށް އެންމެ ގިނަ ވޯޓް ދެ ކެނޑިޑޭޓަކަށް ލިބި އެއްވަރު ވެފައިވާތީއެވެ.