ކުޅިވަރު

އޮފީސް ވޮލީ މުބާރާތުގައި ޤަވާއިދާ ހިލާފަށް ކުޅުންތެރިޔަކު ނުކުޅޭ


މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ޤަވާއިދާ ޚިލާފަށް އެއްވެސް ކުޅުންތެރިއަކު ކުޅެމުން ނުދާކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ޔޫތް މިނިސްޓްރީގެ ޓީމަށް މުބާރާތޔުގެ ޤަވާއިދާ ޚިލާފަށް ތިން ކުޅުންތެރިއަކު ކުޅެމުންދާކަމަށް ބުނެ މުބާރާތުގެ މެދުތެރެއިން ހުށައަޅާފައިވާ މައްސަލައަކާއި، މީޑިޔާއަކުން ހާމަކުރި ޚަބަރަކާއި ގުޅިގެން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުބާރާތުގައި ބައިވެރިވެފައިވާ ހުރިހާ ޓީމްތަކުންވެސް މުބާރާތުގައި ބައިވެރިވެ، ކުޅެމުންދަނީ ޤަވާއިދާ އެއްގޮތަށްކަމަށެވެ. ޔޫތް މިނިސްޓްރީގެ ޓީމާ ގުޅޭގޮތުން ހުށައެޅުނު މައްސަލަ ބެލުމަށް މައްސަލަ ހުށައެޅިއިރު އެމިނިސްޓްރީއަށް އޮތް މެޗުވެސް ފަސްކޮށް އެކަން ސާފްކުރިކަމަށް އެސޯސިއޭޝަނުން މިއަދު މައުލޫމާތުދެއްވިއެވެ. ޔޫތް މިނިސްޓްރީ މައުލޫމާތު ސާފްކުރިއިރު އެމިނިސްޓްރީގެ ޓީމަށް މިިނިސްޓްރީގެ މުވައްޒަފުން ނޫން ކުޅުންތެރިއަކު ކުޅެފައިނުވާކަން ސާފްވިކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ. މުބާރާތުގައި ކުޅެވެނީ އޮފީސް ނުވަތަ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށެވެ.

އެސޯސިއޭޝަނުން ބުނީ ޚަބަރު ފަތުރިއިރު އެސޯސިއޭޝަނާއި، މިނިސްޓްރީގެ ބަހެއް ހޯދާފައި ނުވާތީ ކަންބޮޑުވާކަމަށެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި އެއް ކޮޅުން ވާދަކުރާނީ ޔޫތް މިނިސްޓްރީގެ ޓީމެވެ. ފައިނަލްގައި ޕޮލިހާއި ދެކޮޅަށް ޔޫތް މިނިސްޓްރީގެ ޓީމް ނިކުންނާނީ މިރެއެވެ. 20:30 ގައި ފަށާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.