ޚަބަރު

"ޓްރަމްޕް ވަނީ ރަޝިޔާއަށް ސިއްރު މަޢުލޫމާތު ފޯރުކޮށްދީފައި"


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާއެކު ސިއްރު ޖާސޫސީ މަޢުލޫމާތު ޙިއްސާކުރެއްވިކަމަށް އެމެރިކާގެ މީޑިއާއިން ތުހުމަތުކޮށްފިއެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުން ޝާޢީޢުކުރި ޚަބަރެއްގައި ބުނެފައިވަނީ ލަވްރޯފްއާއެކު ޓްރަމްޕް ހިއްސާކޮށްފައިވަނީ އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ގުޅުން ހުރި ޖާސޫސީ މަޢުލޫމާތު ކަމަށާ މިކަން އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި މިމަޢުލޫމާތަކީ އެމެރިކާއަށް ވާގިދޭ ޤައުމަކުން ހޯދާފައިވާ ޖާސޫސީ މަޢުލޫމާތު ކަމަށާ ރަޝިޔާއާއެކު މިމަޢުލޫމާތު ހިއްސާ ކޮށްފައިވަނީ މިދިޔަ ހަފްތާގައި ވައިޓް ހައުސްގައި ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމުގައި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އެޗް.އާރް. މެކްމާސްޓަރ ވިދާޅުވީ، މިދިޔަ ހަފްތާގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސްއާ ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ ދެޤައުމުގެ ސަލާމަތަށް ހުރި އެތައް ނުރައްކަލަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

އަދި އެއްވެސް ވަގުތެއްގައި ޖާސޫސީ މަޢުލޫމާތެއް މި ބައްދަލުވުމުގައި ހިއްސާކޮށްފައި ނުވާނެ ކަމަށް މެކްމާސްޓަރ ވިދާޅުވިއެވެ.