ޚަބަރު

ދިވެހިބަސް ބައިނަލްއަޤްވާމީ ބަހަކަށް ހަދަން މަސައްކަތް ކުރަންޖެހޭ


ދިވެހި ބަސް އިތުރަށް ދިރާސާކޮށް ދިވެހިބަހަކީ ބައިނަލްއަޤްވާމީ ބަހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިބަހުގެ އެކެޑަމީގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ވާހަކަދައްކާ އެކި ބަހުރުވަތައް ދިރާސާކޮށް އެ ބަހުރުވަތަކުގައި ބޭނުންކުރާ ބަސްތައް ދިވެހި ރަދީފްތަކުގައި ހިމަނަންޖެހޭ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިބަސް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ. އަދި ބަހާއި އަދަބިއްޔާތާއި ތާރީޚު ދިރުވައި އާލާކުރުމަށް ދިވެހިބަހުގެ އެކެޑަމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޝްރަފް އަލީ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހުގެ ދާއިރާއިން ތާރީޚީ ފޮތް ލިޔުމުގެ ރޮނގުން އިނާމް ހާޞިލްކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ. މި ދާއިރާއިން ލިޔުންތެރިކަމުގެ ރޮނގުން މުޙައްމަދު ސަލީމް އިނާމް ޙާޞިލްކުރެއްވިއިރު ދިވެހި ބަސް ކިޔަވައިދިނުމުގެ ރޮނގުން އިނާމް ޙާޞިލްކުރެއްވީ އަލްއުސްތާޛް އާދަމް ޒާހިރެވެ. އަދި ދިވެހި ބަސް ޓެކްނޮލޮޖީ އާއި ރައްޓެހިކުރުމުގެ ރޮނގުން އިނާމް ޙާޞިލްކުރެއްވީ ޖާވިޝް ޙަމީދެވެ. ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން އިނާމް ހާޞިލްކުރެއްވީ ރޯނުގޭ ހަސަންމަނިކެވެ.

ދިވެހިބަހުގެ އެކެޑަމީގެ އިނާމްތަކަށް ނަންދެއްވާފައިވަނީ ބަހާއި އަދަބަށް ޚިދުމަތްކުރެއްވި އަދީބުންގެ ނަންތަކާއި ގުޅުވައިގެންނެވެ. މިއީ އެކެޑަމީގެ އިނާމުގެ ނަމުގައި މި އެވޯޑުދެއްވި ފުރަތަމަ ފަހަރެވެ. މި އެވޯޑު ތަޢާރަފްކުރުމުގެ ސަބަބުން މި ދާއިރާތަކަށް ޚިދުމަތްކުރުމުގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.