ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތުގެ ތެރެއަށް އޭއައި ހިމެނި ޑިޖިޓައިޒް ވެގެން ދިއުމުން އަދުލު އިންސާފު ޤާއިމް ކުރުމަށް ހޭދަވާ މުއްދަތު އަވަސްކުރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން ދަނީ އެއޮފީހުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމުގެ މަަސައްކަތް ކުރުމަށް 2 އަހަރު ދުވަހުގެ މަޝްރޫޢުއް ކުރިއަށް ގެންދަވަމުންނެވެ.
"ޕީޖީއޯ 2.0" އަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ޝާމިލްކޮށް މަސައްކަތްތައް އަވަސްކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިމަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާއިރު، މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެއޮފީހުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވަނީ މިކަމުގެ ފައިދާތައް ފާހަގަކޮށްދެއްވާފައެވެ. މިހާރު އެއޮފީހުގެ މަސައްކަތްތައް އިންތިޒާމުވެފައިވާ ގޮތުން، ތަހުޤީޤީ އިދާރައަކުން މައްސަލައެއްގެ ފައިލް އޮފީހަށް ފޮނުވުމުން، ސްކޭން ކުރުމަށް ފަހު ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ ދިރާސާ ކުރުމަށް އެތައް ވަގުތެއް ހޭދަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާއި ހަމައަށް ދާއިރު 15 މިނެޓް ތެރޭ ހުރިހާ ކަމެއް ވެގެންދާނެ. އަޅުގަނޑުމެން އެންމެ އަވަހަށްވެސް ވަގުތު ނަގާ މައްސަލަތައް 24 ގަޑިއިރު 48 ގަޑިއިރު، މައްސަލަ ދުވަހެއްގެ ދެބައިކުޅަ އެއްބައިން، އޭގެ މާނައަކީ 6 ގަޑިއިރު ތެރެއިން އެ މަސައްކަތް ކުރެވޭނެ. ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ކުރާނެ." ޕީޖީ އަލްއުސްތާޛް ޢައްބާސް ޝަރީފު ވިދާޅުވިއެވެ.
މިކަމުގައި ބޭނުންކުރާ އޭއައި، ވަސީލަތަކީ އެއޮފީހުން އަމިއްލައަށް ތަރައްޤީކުރާ ވަސީލަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ޒާތީ މަޢޫލޫމާތު އެހެން ފަރާތަކަށް ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިހާރުވެސް އެއޮފީހުގެ މައުލޫމާތަކީ ރައްކާތެރި ގޮތެއްގައި ބެލެހެއްޓޭ މައުލޫމާތަށްވާއިރު މިމަސައްކަތާއެކު އެ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށ އިތުރު ހުރަސްތައް ޤާއިމްކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
އަދި މަސައްކަތް ނިމޭއިރު، މުޅި ޢަދުލު އިންސާފުގެ ދައިރާއަށްވެސް ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. މިގޮތުން ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު މިހާރަށްވުރެ ފުރިހަމައަށް މައްސަލައަކާއި މެދު ދިރާސާ ކުރެވި ކޯޓުތަކުންވެސް މައްސަލަ ދިރާސާ ކުރުމަށް ހޭދަވާ ވަގުތު މަދުކުރެވޭނެ ކަމަށް ޕީޖީ ވިދާޅިވިއެވެ. އަދި ތަހުޤީޤީ އިދާރަތަކަށް ލަފާ ދިނުންވެސް އަވަސްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
" ފުރަތަމަ މަރުހަލާ އަވަސް ކުރަން ކުރާ މަސައްކަތުގެ އިތުރަށް ތަހުޤީޤޫ މަރުހަލާ އަވަސް ކުރަން ވަރަށް ބޮޑު އެހީތައް ވެވޭ. އެހެންވީމަ މިހާރު ތަހުޤީޤު މަރުހަލާގައި އަޅުގަނޑުމެންނަށް ހުށަހަޅާ ލިއެކިއުންތަކަށް ކުރިން 5 ދުވަހުން ޖަވާބު ދެވޭ ލިއުންތައް އަޅުގަނޑުމެން އެދުވަހުން އެދުވަހަށް ޖަވާބު ދޭނެ. އެންމެ ބޮޑު ކަމަކީ އަދުލު އިންސާފު ޤާއިމްކުރަން ހޭދަވާ މުއްދަތު ކުރުވެގެންދާނެ. " ޕީޖީ އައްބަސް ޝަރީފް ވިދާޅުވިއެވެ.
ޕީޖީއޯ 2.0 މަޝްރޫޢުއަކީ ޖުމްލަ 12 މިލިޔަން ރުފިޔާ ބަޖެޓެއް ކަނޑައެޅިގެން ސަރުކާރުގެ ޚަރަދުގައި 2 އަހަރުގެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަސައްކަތް ނިމުމާއެކު ރައްޔިތުން ޚިދުމަތް ހޯދުމަށްވެސް ހޭދަ ކުރާ ވަގުތު ކުޑަވެ ޖުމްލަކޮށް ލުއިތަކެއް ލިބޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.