ވިޔަފާރި

500،000 ރުފިޔާގެ އަގުހުރި މުދާ ކަސްޓަމަރުންނަށް ލިބޭ ޕްރޮމޯޝަނެއް


ފަސްސަތޭކަހާސް ރުފިޔާގެ އަގުހުރި މުދާ ކަސްޓަމަރުންނަށް ލިބޭ ޕްރޮމޯޝަނެއް އެސް.ޓީ.އޯއިން ފަށައިފިއެވެ.

"ލައްކަ ސާމާނު ޕްރޮމޯ" ގެނަމުގައި ފެށި މި ޕްރޮމޯޝަން 5 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ޖުމްލަ 5 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މިއިން ކޮންމެ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.  

މިޕްރޮމޯޝަނުގައި ބައިވެރިވެވެނީ މާލޭގައި ހުންނަ އެސްޓީއޯގެ ޢިމާރާތްކުރާ ސާމާނު ވިއްކާ ފިހާރަތަކުން ވިޔަފާރިކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އެއީ، އަމީނީމަގު ފަސްނަންބަރު ގުދަން އަދި ބާޒާރުމަތީ ޓިނު ފިހާރައިން މި މުއްދަތުގެ ތެރޭގައި ވިޔަފާރި ކުރާ ފަރާތްތަކެވެ. މި ޕްރޮމޯޝަނާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އޮފް ކޮންސްޓްރަކްޝަން މެޓީރިއަލްސް އެންޑް ޓްރާންސްޕޯޓް އަބްދުލް ވާޙިދު މޫސާ ވިދާޅުވީ ނަޤުދު ފައިސާއިންނަމަ، 5،000 ރުފިޔާގެ ވިޔަފާރިކުރުމުން އަދި ކުރެޑިޓަށް މުދާ ނަގާ ކަސްޓަމަރުންވެސް، 10،000 ރުފިޔާގެ ވިޔަފާރިކުރާނަމަ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، އެސްޓީއޯގެ ރެޑީމިކްސް އޮޕަރޭޝަނުން ކޮންކްރީޓް ކިޔުބިކް މީޓަރެއް ބައްލަވައިގަތުމުންވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ލައްކަ ސާމާނު ޕްރޮމޯ" ކުރިއަށްދާނީ މިއަދުން ފެށިގެން އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ 2012 ވަނަ އަހަރު އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް، ރެޑީމިކްސް އޮޕަރޭޝަން ތަޢާރަފްކުރިފަހުން، މިހާތަނަށް ލޯންޗްކުރި އެންމެބޮޑު ޕްރޮމޯޝަންކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މި ޕްރޮމޯގެ ނަސީބުވެރިޔާ އިޢްލާންކުރުން އޮންނާނީ 5 މަސްދުވަސްފަހުން ކަމަށް އެސްޓީއޯއިން ބުނެއެވެ.